ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާގެ އެހީ ހޯދުމަށްޓަކައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންނާއި އާންމުން ގުޅިގެން ޚާއްޞަ މަސް ރޭހެއް ފަށައިފިއެވެ.
މާލޭގެ މަސްވެރިންގެ ޕާކު ސަރަހައްދުގައި މިއަދު ފެށި މަސް ރޭސް އިވެންޓަކީ ފަންނާނުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޚާއްޞަ "އިންސާނިއްޔަތަށްޓަކައި" އިވެންޓުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.
މި އިވެންޓު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރޭގައި ހިމެނޭ ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ މިއަދު ބުނީ މި އިވެންޓު މަސްވެރިންގެ ޕާކު ސަަރަހައްދުން ރަސްމީކޮށް ފެށި ނަމަވެސް އެހެން ސަރަހައްދުތަކުން ވެސް ގިނަ އަދަދަކަށް އުޅަނދުތައް ބައިވެރިވާނެ ކަމަށެވެ.
އެގޮތުން ހުޅުމާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުން ވެސް އިވެންޓު ފަށައިގެން މިހާރު ކުރިއަށްދާނެ ކަމަށް ނަހުލާ ވަނީ ފާހަގަކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިވެންޓު ކެންސަލް ކުރަން ނިންމުމަށް ފަހު، އަލުން ފެށުމަށް ނިންމި އިރު ބައެއް އުޅަނދުތައް ވަނީ މަދުވެފައެވެ. ނަމަވެސް އެއާއެކުވެސް މި މަސް ރޭހަށް އާންމުންގެ ތެރެއިން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފާހަގަކުރެވެއެވެ.
ފަލަސްތީނުގެ ދިދަ ހަރުކޮށް ދިދަ ވިހުރުވަމުން ހުރިހާ ބައިވެރިން ވެސް މަސް ރޭސް ފަށާފައިވަނީ ވަރަށް ފޯރި އާއެކުގައެވެ.
މަސް ރޭސް ނިންމާލުމަށްފަހު ދޯނިތައް މާލެ އަންނަން ފަށާނީ ރޭގަނޑު 1900 އާއި 2100 އާ ދެމެދުގައެވެ. މަސް ދޯނިތަކާއި އުޅަނދުތައް މާލެ ލަފާނީ ޓީ ޖެޓީ ސަރަހައްދުންނެވެ. އެއާއެކު ލިބޭ މަސްތަކާއެކު ހުރިހާ ބައިވެރީން ދާނީ މޭރީ ބްރައުން ސަރަހައްދުގައި ހުންނަ ޕާކިން އޭރިއާއަށެވެ.
ޕާކިން އޭރިއާގައި ހުރިހާ އެންމެން މަސް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މަސް ރޭހުގައި އެންމެ ގިނައިން މަސް ބޭނޭ ދޯންޏަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ސްޕޯޓްސް ފިޝިންގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ މި ފައިސާގެ އިނާމު އެ ޓީމަށް ހަވާލު ކުރުމުން އެ ފައިސާ އަނބުރާ ފަލަސްތީނު ފަންޑަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެންމެ މަދުން މަސް ބާނާ ދޯނި ޖޫރިމަނާ ވާނެ ކަމަށް ނަހުލާ ފާހަގަކުރިއެވެ. ނަހުލާ ފާހަގަކުރިގޮތުގައި އެންމެ މަދުން މަސް ބާނާ ދޯނި 2،000 ރުފިޔާ އިން ޖޫރިމަނާ ވާނެއެވެ. މި ޖޫރިމަނާ ފައިސާ ވެސް ދާނީ ފަލަސްތީނު ފަންޑަށެވެ.