މަސް ހިފަން ފީނި މީހަކު ލޯންޗެއްގައި ޖެހި މަރުވެއްޖެ

ގއ. ގެމަނަފުށި -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ގއ. ގެމަނަފުށީ ކައިރީ މަސް ހިފަން ފީނަން އުޅުނު މީހަކު ލޯންޗެއްގައި ޖެހި މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާއަކީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެކެވެ.

އޭނާގެ ގައިގައި ޖެހުނީ ގެމަނަފުށީ ފަޅަށް ވަންނަން އުޅުނު ލޯންޗެކެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އޭނާ އެކްސިޑެންޓުވެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ގެމަނަފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝަރްފާޒް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި ހާދިސާ ހިނގީ މިރޭ 10:30 އާއި 11:00 އާ ދެމެދު ކަމަށެވެ.

އެ ވަގުތު މަސް ހިފަން ހަރަކާތްތެރިވަމުން އައީ ގއ. ކަނޑުހުޅުދޫ ބައެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ހާދިސާގައި މަރުވީ ވެސް އެ ރަށު މީހެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރެއިން ދެ މީހަކު މޫދުގައި ބައިތިއްބައިފައި ދެން ތިބި މީހުން އައީ ގެމަނަފުއްޓަށް، ދަޅު އެއްޗެހި ގަންނަން. މި ހާދިސާ ހިނގީ އެ ވަގުތުކޮޅު،" ޝަރްފާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހާދިސާ ހިނގީ ނެރުގެ މެދާ ހިސާބުން ކަމަށެވެ. ހާދިސާގައި ގެމަނަފުށީ އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ޠާރިގް އަފީފް "ސަން"އަށް ވިދާޅުވީ މަރުވި މީހާގެ އާއިލާ މިހާރު ގެމަނަފުއްޓަށް ގޮސް، ހޮސްޕިޓަލްގައި ތިބި ކަމަށެވެ.

"އަޅުގަނޑު ވެސް ހޮސްޕިޓަލް ތެރޭ މި ވަގުތު މި ހުރީ. އާއިލާއިން ދެން ހަވާލުވެ ގޮތެއް ނިންމާނީ،" އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލާއި، ފުލުހުން ބަލަންޖެހޭ ކަންކަން ބަލައި ނިމުމުން، ހަށިގަނޑު ރަށަށް ގެންދާނެ ގޮތެއްގެ ވަކި އިންތިޒާމެއް ހަމަޖައްސެމުގައި އާއިލާން ގޮތެއް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/183809

މިދިޔަ ހަފުތާގެ ތެރޭގައި ވެސް ކަނޑުމަތީ ލޯންޗެއް، ދޯންޏެއްގައި ޖެހި ހިނގި ހާދިސާއެއްގައި 65 އަހަރުގެ ފިރިހެނެއްވަނީ މަރުވެފައެވެ.

comment ކޮމެންޓް