ހއ. އަތޮޅުގައި ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި، އަނިޔާވި މީހަކު މިރޭ ނިޔާވެއްޖެއެވެ.
ހއ. އިހަވަންދޫ ކައުންސިލުން ބުނީ، ނިޔާވެފައި ވަނީ އެ ދެ އުޅަނދުގެ ތެރެއިން ދޯނި ދުއްވަން އިން، އެ ރަށު، އަބްދުއްރަޝީދު މުޙައްމަދު، 68، ކަމަށެވެ.
އިހަވަންދޫ ކައުންސިލް ރައީސް އަޙްމަދު ސޮބާހު "ސަން"އަށް ވިދާޅުވީ، އަބްދުއްރަޝީދު ނިޔާވެފައިވާކަން އެ ރަށު ސިއްހީ މަރުކަޒުން އާއިލާއަށް އަންގާފައިވާ ކަމަށެވެ. އަދި މިހާރު ޖަނާޒާއަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހއ. ހުވަހަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި، ދޯންޏަށް ލިބިފައިވާ ގެއްލުންތައް --- ފޮޓޯ/ އިހަވަންދޫ ކައުންސިލަރު އަހުމަދު ރިލްވާން
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ދެ މީހުން ކަމަށާއި ލޯންޗުގައި ތިބީ ހަތަރު މީހުން ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ދޯނީގައި ދެން ހުރީ އަބްދުއްރަޝީދުގެ ފިރިހެން ދަރިފުޅެވެ. ނަމަވެސް އޭނާގެ ހާލަތު މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.
ސޮބާހު ވިދާޅުވީ އެ ހާދިސާގައި ލޯންޗުގައި ތިބި ދެ މީހަކަށް ވެސް އަނިޔާވެގެން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"[އަބްދުއްރަޝީދުގެ] ބޮލަށް އަނިޔާވެފައި ހުރީ. ދެން އެކިވަރުގެ ހާނީއްކަވެފަހުރި ލޯންޗުގައި ތިބި މީހުންނަށް،" އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގައި ލޯންޗަށާއި ދޯންޏަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ސޮބާހު ވިދާޅުވިއެވެ.

ހއ. ހުވަހަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި، ދޯންޏަށް ލިބިފައިވާ ގެއްލުންތައް --- ފޮޓޯ/ އިހަވަންދޫ ކައުންސިލަރު އަހުމަދު ރިލްވާން
އޭގެ ތެރެއިން ލޯންޗަކީ ހދ. ނެއްލައިދުއަށް ނިސްބަތްވާ ލޯންޗެއް ކަމަށާއި އެއީ ސޫފިލަނޑާ ނަގަން އާންމުކޮށް ބޭނުންކުރާ އުޅަނދެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އަބްދުއްރަޝީދަކީ އާމްދަނީ ހޯދުމަށްޓަކައި ފަރުމަސްވެރިކަން ކުރާ މީހެކެވެ. އޭނާއަކީ 68 އަހަރުގެ މީހެއްގެ ނަމަވެސް، ސިއްހަތު ވަރަށް ރަނގަޅު މީހެއް ކަމަށް އެ ރަށު ކައުންސިލަރަކު މައުލޫމާތު ދީފައިވެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ، އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރިން ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެފައިވާ ކަމުގެ ރިޕޯޓު މިރޭ ލިބިފައިވާ ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން މިހާތަނަށް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.