ރާއްޖޭގައި މުޅިން އަލަށް ބާއްވާ އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލްގެ އެކްސްކްލޫސިވް މިޑިއާ ޕާާޓްނަރެއްގެ ގޮތުގައި އެސްއެސްޓީވީން މިއަދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
މި އެމްއޯޔޫގައި އެސްއެސްޓީވީގެ ފަރާތުން ސޮއި ކުރެއްވީ އެސްއެސްޓީވީގެ ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީނެވެ. އަދި، އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލުގެ އޮގަނައިޒަރުންގެ ފަރާތުން ސޮއި ކުރެއްވީ އިވެންޓު މާޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމްޖަދެވެ.
މި އިވެންޓުގައި މަޝްހޫރު ޖާދޫގަރު އަދި މޯލްޑިވްސް މެޖިކް އެސޮސިއޭޝަނުގެ ރައީސް މުހައްމަދު ޝަރީފް ވެސް ވަނީ ބައިވެރިވެފައެވެ.

އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީ -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މި އިވެންޓަކީ ޑިސެންބަރު މަހުގެ ފުރަތަމަ އަދި ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއް ކަމަށެވެ. އެގޮތުން ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު އޮންނާނީ ޖާދުގެ މުބާރާތެއްކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. މި މުބާރާތް މެންދުރު 2:30 އިން ފެށިގެން އަސުރު ނަމާދު ވަގުތަށް މެދު ކަނޑާލުމަށް ފަހު އެ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއޔާތުގައި ވާހަކަ ދައްކަވަމުން އިވެންޓް މާޓުގެ މެނޭޖިން ޑިރެކްޓަރު އަމްޖަދު ވިދާޅުވީ މި ފެސްޓިވަލުގައި މައިގަނޑު ދެ ހަރަކާތެއް ހިންގާނެ ކަމަށެވެ.
"ދެ ހަރަކާތެއް މި ހިންގަނީ އެއީ ކޮމްޕެޓިޝަނެއް، ދެން ދެވަނަ ދުވަހު މި އިންނަނީ ގާލާ އެވޯޑް ނައިޓެއް. އެއީ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމާއި މި ހުރިހާ ކަމެއް ހިމެނިގެން،" އޭނާ ވިދާޅުވިއެވެ.

އިވެންޓު މާޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމްޖަދު -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މީގެ އިތުރަށް އޭނާ ވިދާޅުވީ މި ފެސްޓިވަލަކީ މުޅި ޖުމްލަ އަށް ގައުމަކުން ބައިވެރިވާ ފެސްޓިވަލެއް ކަމަށެވެ. އެގޮތުން، އިންޑިއާ ސްރިލަންކާ، އިޖިޕްޓް، ދެކުނު ކޮރިއާ، އިންޑޮނޭޝިއާގެ އިތުރުން ތައިލޭންޑުން ވެސް މި ޝޯގައި ޕާފޯމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފެސްޓިވަލް އޮންނަ ދެ ދުވަހު ވެސް އެ ތަނަށް ވަދެވޭނީ ޓިކެޓު ގަނެގެން ކަމަށެވެ. އެގޮތުން ޓިކެޓު ރިޒާވް ކުރުމަށް މިއަދުން ފެށިގެން ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޓިކްޓު އޮލިމްޕަހުން އަދި އޮންލައިންކޮށް ވެސް ބުކް ކުރެވޭނެއެވެ.
މި ހަރަކާތުން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީ ލިބޭނެކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި، ގާލާ ނައިޓުގައި ވަރަށް ހުނަރުވެރި ބޭރުގެ މެޖިޝަނުންތަކެއް ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ފެސްޓިވަލް ރާއްޖޭގައި ބޭއްވުމަށްޓަކައި އެސްއެސްޓީވީގެ އިތުރުން އަދި އިތުރު ސްޕޮންސަރުންގެ އެހީތެރިކަން ލިބޭކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
"މި ފެސްޓިވަލް އިންތިޒާމު ކުރަނީ މޯލްޑިވްސް މެޖިޝަން އެސޮސިއޭޝަންއާއި އިވެންޓް މާޓާއި އަދި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އެހީތެރި ކަމާ އެކު. އެއީ މެއިންކޮށް މި ޝޯ އޮގަނައިޒް ކުރާ ތިން ޕާޓްނަރުން. އޭގެ އިތުރުން ޓައިޓަލް ސްޕޮންސާ، ވަން އެންޑް އޮންލީ ރީތި ރަށް. ދެން އޭގެ އިތުރަށް އެހެން ސްޕޮންސަރުންނާ އެކު ވެސް ސޮއިކުރުން ހަމަ ކުރިއަށް ދާނެ. ސޮއި ކުރަމުންދާ ވަރަކުން މީޑިއާއާ ހިއްސާ ކުރާނަން،" އަމްޖަދު ވިދާޅުވިއެވެ.
އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލުގެ އެކްސްކްލޫސިވް ޕާޓްނަރަކަށްވެ، އިވެންޓު އިޝްތިހާރު ކުރުމުގެ ހުރިހާ މަސައްކަތެއް އެސްއެސްޓީވީން ކޮށްދޭތީ އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އެސްއެސްޓީވީގެ ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މި އިވެންޓުގައި ޒަހީން ވިދާޅުވީ މި ފެސްޓިވަލް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މިހާރު އެސްއެސްޓީވީގެ މަސްއޫލިއްޔަތުގެ ތެރޭގައި އޮތް ކަމެއް ކަމަށެވެ.
"މި ފެސްޓިވަލް އިސްތިހާރު ކޮށްދިނުމަކީ މިއީ މިހާރު އަޅުގަނޑުމެންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިފައި އޮތް ކަމެއް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކޮށްދޭނަން. އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް އެބަވޭ، ރާއްޖޭން ބޭރުގެ ވަރަށް މަޝްހޫރު ވަރަށް ބައިވަރު މީހުން އެބަ އާދޭ މެޖިޝަނުން. އެހެންވީމަ އެ މީހުންނާ އެކީގައި އެ ޖާދޫގަރުންގެ ކުޅަދާނަ ހުނަރުތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދައްކާލަދޭނަން،" ޒަހީން ވިދާޅުވިއެވެ.