އެތްލީޓުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕެރިސް އޮލިމްޕިކްސް 2024ގެ ދިދަ ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ އެތްލީޓުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ކުޅިވަރު ކުރިއެރުވުމަށްޓަކައި އެތްލީޓުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދޭން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޕެރިސް އޮލިމްޕިކްސް 2024ގެ ދިދަ ހަވާލުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ ފެންވަރަށް އެކި ކުޅިވަރުތައް ގެންދިޔުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

މިފަހަރު އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާ ހަތަރު ކުޅިވަރުގެ އިތުރުން އެހެނިހެން މުބާރާތްތަކުގައި ވެސް ރާއްޖޭގެ ފާރާތުން އެތްލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ދެވޭ ފެންވަރަށް، ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިޔުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރު ކުރިއެރުވުމަށްޓަކައި ރާއްޖޭގައި މިހާތަނަށް ނުކުރެވޭ މިންވަރަށް މަސައްކަތްކުރެވޭނެ އިރާދަކުރެއްވިއްޔާ. ރާއްޖޭގެ ތާރީޚުގައި ނުދެކޭ ފެންވަރަށް އެކި ކުޅިވަރުތައް ގެންދިޔުމަކީ އަޅުގަނޑުމެން އެންމެން ވެސް ބޭނުންވާ ގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ، ރައީސް މުއިއްޒު

ރައީސް ވިދާޅުވީ، ރާއްޖޭގައި އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި މިހާރު އޮތީ އެ ކަންކަން ފެށުމުގެ މަރުހަލާގައި ކަމަށެވެ.

ހަމައެއާއެކު އެކި ކުޅިވަރުތައް ކުރިއެރުމަށްޓަކައި އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގްވާމީ މައިދާނުގައި އޮލިމްޕިކްސްއާ އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތްލީޓުން ބައިވެރިވުމަށްޓަކައި ރާއްޖޭން ލިބޭ ތަމްރީނުގެ ފުރުސަތުތައް އިތުރުކުރައްވާ، ރާއްޖެއިން ބޭރުން ވެސް ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، އަންނަ އަހަރުން ފެށިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ކޮންމެ އަހަރެއްގެ ބަޖެޓު ފާސްކުރާއިރު ތަމްރީނުތަކަށް ބަޖެޓެއް ކަނޑައެޅުމަށް ވަރަށް ބޮޑު އިސްކަން ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މިކަމުން ހިތްވަރު ލިބި އަޅުގަނޑުމެން މިކުރާ މަސައްކަތުގަ އެންމެން ބައިވެރިވެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކުޅިވަރު އެކިއެކި ދާއިރާތަކުން ދެންމެ މިދެންނެވި ފަދައިން މިއިން ދުވަހަކު އަޅުގަނޑުމެން ނުދެކޭހާ ފެންވަރު މައްޗަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ އަޒުމުކަމުގައި ކަނޑައަޅައިގެން ކުރިއަށް ދިޔުމަކީ އަޅުގަނޑު އެދޭ ގޮތް، ރައީސް މުއިއްޒު

މި ރަސްމިއްޔާތުގައި ރައީސް ވަނީ ޕެރިސް އޮލިމްޕިކްސް 2024ގެ ދިދަ ދެ އެތްލީޓަކަށް ހަވާލުކޮށްދެއްވާފައެވެ. އެއީ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނެ ފާތިމަތު ދީމާ އަލީއާއި އިބާދުﷲ އާދަމްއެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ފަސް އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖެއިން ފަސް އެތުލީޓުން ބައިވެރިވާ ކުޅިވަރުތައް:

  • ފާތިމަތު ދީމާ އަލީ/ ޓޭބަލް ޓެނިސް
  • އިބާދުﷲ އާދަމް/ އެތްލެޓިކްސް
  • އާއިޝަތު އުލްޔާ ޝާއިގް/ ސްވިމިން
  • މުހައްމަދު އާން ހުސައިން/ ސްވިމިން
  • ފާތިމަތު ނަބާހާ (ނަބާ)/ ބެޑްމިންޓަން

މީގެ ތެރެއިން ދީމާއަކީ މުޅިން އަލަށް ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި އެތްލީޓެވެ.

comment ކޮމެންޓް