ކަރަބާއޮ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ވެސްޓް ހޭމް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ވެސްޓް ހޭމް ޖާގަހޯދީ ހަތަރުވަނަ ބުރުގައި ރޭ އާސެނަލާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. ނަމަވެސް މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރުމާ އެކު ވެސް އާސެނަލްއަށް ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދޭ ގޮތެއްނުވިއެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ވެސްޓް ހޭމްއިންނެވެ. ނަމަވެސް މި ލަނޑަކީ ވެސްޓް ހޭމްއަށް ލިބުނު ކޯނަރެއްގައި އާސެނަލްގެ ޑިފެންޑާ ބެން ވައިޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓްގައި ވެސްޓް ހޭމްއިން ވަނީ އެ ޓީމުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހަންމަދު ކުޑޫސްއެވެ. އަދި، މި ލަނޑު ޖެހިތާ 10 މިނެޓް ފަހުން ޖެރޮޑް ބޮވެން ވަނީ ވެސްޓް ހޭމްގެ ތިންވަނަ ލަނޑު ޖަހައިދީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މެޗުގައި އާސެނަލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑްއެވެ. މެޗުގެ ދެވަނަ ހާފުގައި ވަނީ އާސެނަލްއަށް މި ސީޒަންގައި ބަދަލުވި ވެސްޓް ހޭމްގެ ކުރީގެ ކެޕްޓަން ޑެކްލަން ރައީސް ކުޅެން އަރާފައެވެ. ނަމަވެސް އޭނާއަށް މެޗުން އާސެނަލް މޮޅު ކޮށްދިނުމަށް މާ ބޮޑުކަމެއް ކޮށްދެވޭ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާ އެކު ވެސްޓް ހޭމް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފާވާއިރު އާސެނަލް ވަނީ މިހާ ހިސާބުން ކަރަބާއޮ ކަޕަށް އަލްވަދާއު ކިޔާފައެވެ. މިއީ މި މުބާރާތުގެ ކުއާޓާ ފައިނަލުން ވެސްޓް ހޭމް ޖެހިޖެހިގެން ޖާގަ ހޯދި ތިންވަނަ ފަހަރެވެ.