ޔަހޫދީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި، ޣައްޒާގެ އާންމުންނަށް ޔަހޫދީން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ނިމުމަކަށް ގެނައުމަށް މިހާރުން މިހާރަށް ހަނގުރާމަ ނުހުއްޓުވައިފި ނަމަ، އަންނަ އަހަރު ބާއްވާ އިންތިޚާބުތައި އެމެރިކާގެ ރައީސް ޖޯ ބައިޑެނަށް ވޯޓު މަދުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެމެރިކާގެ މުސްލިމުންނާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އެކްޓިވިސްޓުން ބުނެފިއެވެ.
މިޑްލް އީސްޓު މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއަށް އޮތް ބާރުގެ ބޭނުން ކޮށްގެން ހަނގުރާމަ ހުއްޓުވުމަށް މިޝިގަން، އޮހައިއޯ އަދި ޕެންސިލްވޭނިއާ ފަދަ ސްޓޭޓްތަކުގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ހިމެނޭ ނޭޝަނަލް މުސްލިމް ޑިމޮކްރެޓިކް ކައުންސިލުން ވަނީ ބައިޑެންއަށް ގޮވާލައިފައެވެ.
އެ ކައުންސިލުން އާންމުކޮށްފައިވާ ސިޓީއެއްގައި ވާގޮތުން ހަނގުރާމައަށް ތާއީދުކޮށް ވާހަކަ ދައްކާ އެއްވެސް ކެންޑިޓޭޓަކަށް އެ މީހުން ވޯޓެއް ނުދޭނެއެވެ. އަދި، އެމެރިކާ ސަރުކާރުގެ ތާއީދާއި ވާގިވެރިކަމާ އެކު، ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވެ ގޮސްފައިވާ ކަމަށާއި، މިއާ އެކު އެމެރިކާއިން ބައިޑެންއަށް ކުރިން ވޯޓު ދިން މީހުންގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
އެމެރިކާ މުސްލިމުންގެ މި ސިޓީ އާންމުވެފައިވާއިރު، މިއީ ހަނގުރާމަ ކުށްވެރި ނުކުރުމުގެ ސަބަބުން ބައިޑެންއާ މެދު އެމެރިކާގެ މުސްލިމުންނާއި އަރަބި ދުނިޔޭގައި އޮތް ރުޅިވެރިކަން ހާމަވެގެންދާ ކަމެކެވެ.
ސަކްރެމެންޓޯ ވެލީ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް، (ސީއޭއައިއާރު)ގެ އެގްޒެކެޓިވް ޑިރެކްޓަރު ބާސިމް އެލްކާރާ ވިދާޅުވީ 2024 ވަނަ އަހަރު ބައިޑެން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގައި މުސްލިމުންގެ ވޯޓުތަކަކީ މުހިންމު ވޯޓުތަކަކަށް ވާނެއެވެ.
މި ކަމާ ގުޅިގެން ބައިޑެން އިންތިޚާބީ ކެމްޕޭން އޮފީހުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެއެވެ.
މުސްލިމުން ބައެއް ލީޑަރުންނާ ބައިޑެން މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާފައިވާ ކަމަށް ވެސް ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
އެމެރިކާގައި ކުރިން ރައީސްކަން ކުރެއްވި ރައީސުންނަށް ވުރެ ގިނައިން ބައިޑެން ވަނީ އަރަބި އެމެރިކާ މީހުންނާއި މުސްލިމުން މަގާމުތަކަށް ގެނެސްފައެވެ.
ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަކީ އިސްރާއީލުން ހަމާސްގެ އަތް ދަށަށް ދިއުން ކަމަށާއި އެކަން އެގޮތަށް ނުވާނެ ކަމަށް ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.