ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮއްވައި އެހެން ކަމެއް އެެޖެންޑާކޮށްގެން ޖަލްސާ ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ރިއްފަތުގެ ގާނޫނީ ލަފާގައިވާ ގޮތުން މަޖިލީހުގެ ގަވައިދު ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ ގަރާރެއް މަޖިލީހަށް ހުށަހަޅާތާ ރަސްމީ ބަންދު ނޫން ތިން ދުވަސް ތެރޭ އެ މައްސަލައިގެ ނޯޓިސް މަޖިލިސް މެންބަރުންނަށާއި ރައީސަށް އަމީންއާންމު ދޭންވާނެ ކަމަށެވެ.
އެއަށް ފަހު 14 ދުވަހަށް ފަހު އަންނަ އެންމެ ފުރަތަމަ ރަސްމީ ބަންދުނޫން ދުވަހެއްގައި އެ ގަރާރު ހުށަހަޅަންވާނެ ކަމަށެވެ.
އަދި، އެ ފަދަ މަޖިލީހުގައި އެހެން ކަމެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށް ގަވައިދުގައިވާ ކަމަށް ރިއްފަތު ވިދާޅުވެފައިވެއެވެ.
އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލިސް ނައިބު ރައީސްކަމަށް ގަވައިދުގައިވާއިރު، މަޖިލިސް ރައީސާއި ނައިބު ރައީސް، ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާނަމަ އަމަލުކުރަންވީ ގޮތް ވެސް ގަވައިދުގައިވާ ކަމަށް ބުންޏެވެ.
އެހެންކަމުން އެ ގަރާރުގެ މައްސަލަ އެޖެންޑާކުރުމަކީ ލާޒިމް ކަމެއްކަމަށް ރިއްފަތު ވިދާޅުވިއެވެ. އަދި، އެ ކަން ނުކޮށް، އެހެން ކަމެއް އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށް މަޖިލިސް ގަވައިދު ތަންދޭކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.
ނަޝީދުގެ މައްސަލަ ހުއްޓުވާތީ، އެމްޑީޕީން ވަނީ އެ މައްސަލަ ކޮޅެއްގައި ނުޖެހެނީސް މަޖިލީހުގެ އެއްވެސް އިތުރު މަސައްކަތެއް ކުރަން އެއްބާރުލުން ނުދޭން ފާސްކޮށްފައެވެ. އަދި، ނަޝީދު ވަކިކުރަން އެ ޕާޓީން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
މި އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އިއްޔެއާއި މިއަދު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ މަޖިލީހަށް ވަނީ ދެ ދުވަހު ވެސް ސަލާން ފޮނުއްވައިފައެވެ.
އިއްޔެ މަޖިލީހުގެ ޖަލްސާ ވެސް ނުބޭއްވޭނެ ކަމަށް ބުނެ އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ ނިންމަވައިފައެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ އެމްޑީޕީން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ.