އއ. މަތިވެރިއަށް އިޒުރޭލުގެ ޔަހޫދީ ޓޫރިސްޓުންނަށް ނޭރޭގޮތް ހަދައި ދިނުމަށް އެދި އެ ރަށުގެ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
އެ ރަށު ފަސް ކައުންސިލަރުން ސޮއިކޮށް އިއްޔެ ނެރުނު ގަރާރެއްގައި ވަނީ މުސްލިމުންގެ ބިމަކަށް އަރައިގަނެ، މުސްލިމް އަޚުންނާއި އުޚްތުންނަށް އެފަދަ ލާއިންސާނީ އަނިޔާތަކެއް ދެމުންދާ ޔަހޫދީ އިސްތިއުމާރީންނަށް އެ ރަށުގެ ވެށިން ހިޔާވަހިކަން ދޭން އެރަށުގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާ ކަމަށެވެ.
އަދި އެފަދަ ބަޔަކު އެ ރަށަށް އެރުމަކީ އެރަށުގެ އަމާންކަމާއި، ސަލާމަތަށްވެސް އޮތް ނުރައްކަލެއް ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން ފަލަސްތީނުގެ ބިން ފޭރިގަނެގެން އުފައްދައިފައިވާ ޔަހޫދީ ދައުލަތެއް ކަމަށް ދައުވާ ކުރާ އިސްރާއީލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކު އެރަށަށް އެރުމަށް އެ ރަށުގެ ކައުންސިލުން ނުރުހޭ ކަން ވެސް ވަނީ މިއަދު ނެރުނު ގަރާރުގައި ފާހަގަކޮށްފައެވެ.
އެހެންކަމުން ރަށަށް ފަތުރުވެރިން ގެންނަ ފަރާތްތަކުން "އިސްރާއީލް" ގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކު އެރަށަށް ފަތުރުވެރިންގެ ގޮތުގައިވެސް ނުވަތަ އެ ނޫން ގޮތަކަށްވެސް އެރަށަށް ނުގެނައުމަށާއި، ރާއްޖެއަށް ވެސް އެ ޕާސްޕޯޓުގައި އެތެރެވާ އެތެރެވުން ހުއްޓުވައިދިނުމަށް އެރަށު ރައްޔިތުންނާއި ކައުންސިލުގެ ނަމުގައި ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވައިލައިފައެވެ.
އަދި އެ ގަރާރު އެ ރަށުގެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ ހަ ވަނަ ކުއްލި ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރަށް އެ ގަރާރުގައި، ފަލަސްތީނަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކުރި އިސްރާއިލުގެ ޔަހޫދީންނަށް ބޯހިޔާވަހިކަން ދިނުމުން، ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުން އެ މީހުންގެ އަމިއްލަ ގޯތިގެދޮރުން ނެރެލާ ބޮން އަޅާ، އަސާސީ ވަސީލަތްތަަކުން ފަލަސްތީނުގެ ރައްޔިތުން މަހުރޫމުކޮށް، މުސްލިމުންގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ކަންތައްތަކަކީ އިންސާނީ ހުރުމަތާއި ޚިލާފު ޖަރިމާއެއްކަމަށް ވެސް ބުނެފައިވެއެވެ.
މަތިވެރި ކައުންސިލުން އެފަދަ ގަރާރެއް ހުށަހަޅާފައިވާއިރު ރާއްޖެއަށް އިސްރާއީލް ޓޫރިސްޓުން އެތެރެވުން ހުއްޓުވުމަށް ގޮވާލައި އެއްވުންތަކެއް ދަނީ ބާއްވަމުންނެވެ. އަދި އިސްރާއީލްގެ ސަރުކާރުން ވެސް ވަނީ ރާއްޖެއަށް އެ ގައުމުގެ މީހުން ނުދިއުމަށް އިލްތިމާސްކޮށްފައެވެ.