މޫސުން ތަން ނުދޭނަމަ ޑރ. މުއިއްޒު ހުވައިކުރައްވާނީ މަޖިލީހުގައި

30 ސެޕްޓެމްބަރު 2023: އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ސަން ފޮޓޯ

މޫސުން ތަން ނުދޭނަމަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ހުވައިކުރައްވާނީ ރައްޔިތުންގެ މަޖިލީހުގައިކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޑރ. މުއިއްޒު ހުވާ ކުރައްވާ ހަފުލާ އޮންނާނީ އަންނަ މަހުގެ 17ވަނަ ދުވަހެވެ. އެ ހަފުލާ ބާއްވަން ހަމަޖެހިފައި އޮތީ ޖުމްހޫރީ މައިދާނުގައެވެ. އެ ސަރަހައްދު ރަސްމިއްޔާތަށް ތައްޔާރު ކުރުމަށް މިހާރު ވަނީ ބަންދުވެސް ކޮށްފައެވެ.

ނަމަވެސް ވަކި ހާލަތެއް މެދުވެރިވެގެން ހުވައިކުރުމުގެ ކަންކަން ޖުމްހޫރީ މައިދާނުގައި ކުރިއަށް ނުގެންދެވޭނަމަ ކަން ކުރައްވާނެ ގޮތެއް ވިދާޅުވަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ އެ ފަދަ ހާލަތެއްގައި ހުވައި ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގައިކަމަށެވެ.

"ބެކަޕް ޕްލޭނަކީ، މޫސުން ގޯސްވެ ޖުމްހޫރީ މައިދާނުގައި ޖަލްސާ ނުބޭއްވޭނަމަ މަޖިލިސް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/183722

ޒިޔާއު ވިދާޅުވީ އެ ހާލަތުގައި ރަސްމިއްޔާތަށް ދައުވަތު އެރުވޭނީ ވެސް މިހާރު ދައުވަތު ދޭން ހަމަޖެހިފައިވާ 3،500 މެހެމާނުންގެ ތެރެއިން ވަކި އަދަދަކަށް، ޚާއްސަ ބޭފުޅުންނަށް އެކަނިކަމަށެވެ.

އަދި މިހާރު ވެސް ހުވައިކުރުމުގެ ހަފްލާގައި ފަރިއްކޮޅު ނުވަތަ ބިލެއްމީރުކޮށްލުމެއް ބޭއްވުމަށް ހަމަޖެހިފައިނުވާކަމަށް ޒިޔާއު ވިދާޅުވިއެވެ.

ޑރ. މުއިއްޒުއާއި، ހުސައިން ހުވައި ކުރައްވާ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ އެ ރަސްމިއްޔާތުގެ މަސައްކަތް ޓެންޑާ ބޯޑުން ހަވާލު ކޮށްފައިވަނީ ސިފައިންގެ ވެލްފެއަ ކުންފުނި (ސިވެކް)އާއެވެ.

comment ކޮމެންޓް