މުއިއްޒު ހުވާކުރައްވާ ހަފުލާއަށް 3000އަށްވުރެ ގިނަ ދައުވަތު

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ސަން ފޮޓޯ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ހަފުލާއަށް ވަޑައިގަތުމަށް ޓަކައި 3،000އަށްވުރެ ގިނަ ދައުވަތު ފޮނުވަން ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ މިހާތަނަށް 3،500 ދައުވަތު ފޮނުވަން ތައްޔާރުވެފައިވާކަމަށެވެ.

އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެކި ބޭފުޅުންނާއި، ރާއްޖޭގެ އެކި ބޭފުޅުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަންދާޒާކުރެވެނީ 3،500 މީހުންނަށް ދައުވަތު ފޮނުވޭނެކަމަށް،" ޒިޔާއު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ހުވާ ކުރައްވާ ހަފުލާއަށް ތިން ގައުމެއްގެ ވެރިން ވަޑައިގަންނަވާނެކަން ވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޔަގީންވާނީ ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެހި، އެ ބޭފުޅުންނަށް އޮންނަ އިންތިޒާމުތައް ނިމުމުންކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޒިޔާއު ވިދާޅުވީ އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން އަދި އާންމު ރައްޔިތުންނަށް އެ ހަފުލާގައި ބައިވެރިނުވެވޭ ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފުން އެ ތަނުގެ ސެކިއުރިޓީ އިންތިޒާމުތައް ބަލައި، ޔަގީންކުރަންޖެހޭ ކަންކަން ޔަގީންކުރުމުން ފަހަރުގައި އެ ނިންމުން ބަދަލުވެދާނެކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ސަލާމަތީ ކަންތައްތަކާ ގުޅުން ހުރި ތަފްސީލު އެނގުމުން އެކަންކަން މަޖިލީހަށް ހިއްސާކުރުމުން، އާންމުން ވެއްދުމާ ބެހޭ ގޮތުން ގޮތެއް ނިންމުން އެކަށީގެންވާ ކަމަށް މައުލޫމާތު ލިބިފައިވެއެެވެ.

ޑރ. މުއިއްޒު ހުވާ ކުރައްވާ ހަފުލާ އޮންނާނީ އަންނަ މަހުގެ 17ވަނަ ދުވަހެވެ. އެ ހަފުލާ ބާއްވަން ހަމަޖެހިފައި އޮތީ ޖުމްހޫރީ މައިދާނުގައެވެ.

ހުވާކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސާނީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲގެ މަޝްވަރާއާއެކު ރައްޔިތުންގެ މަޖިލީހުންނެވެ.

ޓްރާންސިޝަން ޓީމުން ބުނެފައިވާ ގޮތުގައި، ޑރ. މުއިއްޒު އެދިލައްވަނީ އާންމު ރައްޔިތުންނަށް ވަދެވޭނެހެން އެ ހަފުލާގެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

comment ކޮމެންޓް