އިޚްތިރާމު ލިބޭނީ ނަޒާހަތްތެރިކަމާ އެކު ޒިންމާ އަދާކޮށްގެން: ނައިބު ރައީސް

ފަހި މުސްތަޤްބަލް ސްޕީކާ ސީރީސް ގައި ފައިޞަލް ނަޞީމް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ރައީސް އޮފީސް

އިހްތިރާމް ހޯދުމަށް ޓަކައި ކޮންމެ މީހަކު ވެސް ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިޚްލާސްތެރިކަމާ އެކު އެންމެ ފުރިހަމައަށް ޒިންމާތައް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް މިއަދު އެދިވަޑައިގެންފިއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ޤައުމީ ޔުނިވާސިޓީއިން ކުރިއަށްގެންދިޔަ މި އަހަރުގެ ފަހި މުސްތަޤްބަލް ސްޕީކާ ސީރީސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސީރީސްގައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ވަނީ ނައިބު ރައީސްގެ މަޤާމަށް އައުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ޙިއްޞާކުރައްވައި، ކޮންމެ މީހެއްގެ ކައިރިން ވެސް ދަސްވާނެ ކަންކަން ހުންނާނެކަން ޤަބޫލުކުރައްވައި މަސައްކަތްކުރެއްވި ކަމުގައި ވިދާޅުވެފައެވެ.

''އަޅުގަނޑަށް ޤަބޫލުކުރެވެނީ ކޮންމެ ދާއިރާއަކުން ތަޢުލީމު ހާސިލް ކުރިޔަސް ކޮންމެ އުމުރެއްގެ ކުއްޖަކަށް ވިޔަސް ބޮޑު މީހަކަށް ވިޔަސް އެ މީހެއްގެ ފުށުން އުނގެނި އެނގިދާނެ ކަންތައްތަކެއް ހުންނަކަން,'' ފައިސަލް ވިދާޅުވިއެވެ.

އޭގެއިތުރުން، އަބަދު ވެސް މީހުންގެ ލަފަޔާ އިރުޝާދާ އެކު މަސައްކަތް ކުރެއްވުމަށް ފަސޭހަފުޅުވާ ކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވަކި މަޤާމެއްގައި ހުރެގެން މަސައްކަތެއް ކުރެވޭނެކަމަށް ޤަބޫލުކުރުން ދޫކޮށްލައި ކޮންމެ މަޤާމެއްގައި ހުރެގެން ވެސް ޤައުމީ ޚިދުމަތް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި، ރަނގަޅު ނަސޭޙަތްދެއްވާ ފަރާތްތައް ހަނދާން ކުރުމަށް ވެސް އެ މަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

comment ކޮމެންޓް