"ބައްޕަ އެވަގުތު މޫދަށް ވެއްޓިފަ، ގޮވާ ހަޅޭއްލަވާ، އެ މީހުންނަށް [ލޯންޗުގަ ތިބި މީހުންނަށް] ގޮވާ ހެދީމަ އެ މީހުން އަޅާ ނުލާ ދިޔައީ. އެ ވަގުތު ބައްޕަ ނިޔައެއް ނުވޭ،" ވަރަށް ހިތްވަރުކޮށްފައި، ބައްޕަގެ ފަހު ވަގުތު އަލީ ޝަރީފް ކިޔައިދިނެވެ.
ރެއަކީ މުޅި ހއ. އިހަވަންދޫ އަށް ވެސް ހިތާމަވެރި ރެއެކެވެ. އެންމެންނާ ގުޅޭ، އެންމެން ދެކެފަރިތަ، ރައްޓެހި ރަހުމަތްތެރި އަބްދުއްރަޝީދު ،68، ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއްގައި މި ދުނިޔެ ދޫކޮށް ދިޔައީއެވެ.
އަބްދުއްރަޝީދު ނިޔާވީ އޭނާގެ ދަރިފުޅާއެކު ދޯނީގައި އިހަވަންދޫ ކައިރިއަށް މަހަށް ނުކުމެ އުޅެނިކޮށް ލޯންޗެއް އެ ދޯނީގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައެވެ. އެ ވަގުތު ދޯނި ދުއްވަން ހުރީ މަސްވެރިކަން ކުރާތާ އެތައް އަހަރުތަކެއްވެފައިވާ އަބްދުއްރަޝީދެވެ. އެ އެކްސިޑެންޓްގައި އަބްދުއްރަޝީދު މޫދަށް ވެއްޓުނީ އޭނާގެ ގައިގައި ލޯންޗުން ޖެހިގެންނެވެ.
ރޭގެ އިރުއޮއްސުނު ވަގުތު ކަނޑުމަތީގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި އެ ދޯނީގައި ރަޝީދުއާ އެކު މަހަށް ދިޔަ އޭނާގެ ދަރިފުޅު ޝަރީފް 'ސަން' އާ ހިއްސާ ކުރީ ހިތާމައާއެކުއެވެ. އޭނާ ބުނީ ބައްޕަ ނިޔާވީ ބައެއްގެ އިހުމާލުން ކަމަށެވެ. ތުހުމަތު ކުރީ ލޯންޗުގައި ތިބިއަށް މީހުންނަށެވެ.
އެ ވާހަކަތައް ހިއްސާކުރަމުން އޭނާ ބުނީ މޫދުގައި އޮވެ، ބައްޕަ ގޮވާ ހެދުމުން ވެސް އަޅާ ނުލައި އެ މީހުން ދިޔައީ ކަމަށެވެ. އަދި އިހަވަންދުއަށް ގޮސް އިހަވަންދޫގެ ޕޮލިހަށާއި ސިއްހީ މަރުކަޒަށް ދިން މައުލޫމާތުގައި ވެސް މީހަކު މޫދަށް ވެއްޓުނުކަން އެނގުނު ކަމަށާއި، މީހަކު ގޮވާ އަޑު އިވުނު ކަމަށްވެސް އެ ލޯންޗުގައި ތިބި މީހުން ބުނި ކަމަށް ޝަރީފް ބުންޏެވެ.
އޭނާ ބުނީ ލޯންޗު ދޯނީގައި ޖެހުމަށްފަހު، ދޯނިމަތިން ލޯންޗްގޮސް އޮތީ 20 ނުވަތަ 25 އަކަށް ފޫޓު ދުރުގައި ކަމަށެވެ. އެހެން ކަމުން އެހީއަށް އެދި ގޮވާ އަޑު އެ މީހުނަށް އިވޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ބައްޕަ ގެ އިތުރުން އޭނާ ވެސް އެހީއަށް އެދި ގޮވި ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އޭނާ ބުނީ އެ ވަގުތު ދޯނި ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވި ކަމަށެވެ.
"ދޯނީގަ ހުންގާނެއް ނެތް، ސްޕީޑް މަޑުކުރެވި ބާރުކުރެވޭކަށް ނެތް، ގިޔަރު ކަނޑާލެވޭކަށް ނެތް. އިންޖީނު ނިވާލުމަށްފަހު ބައްޕަ ސަލާމަތްކުރަން ދެވުނު އިރު ބައްޕަ އަޑިއަށް ގޮއްސި،" ޝަރީފް ކިޔައިދިނެވެ.
ގެއްލުނުތާ އިރުގަނޑެއް ފަހުން އަބްދުއްރަޝީދު މޫދުން ނަގައިގެން ގެނެސް އިހަވަންދޫ ސިއްހީމަރުކަޒުގައި ފަރުވާ ދިނެވެ. ނަމަވެސް އޭނާ ވަނީ މާ ގިނައިރުތަކެއް ނުވެ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެރަށު ކައުންސިލް މެންބަރު އަޙްމަދު ރިލުވާން ވެސް ވިދާޅުވީ މި ހާދިސާ ހިނގައި ދިޔައީ ލޯންޗުގައި ތިބި މީހުންގެ އިހުމާލުން ކަމަށެވެ. އޭނާ ވިދާޅުވީ މީހަކު ވެއްޓުނު ކަމާއި، އެހީއަށް ގޮވާ އާދޭސް ކުރި އަޑު އިވި ހުރެ އެ ވަގުތު މީހަކު މަރުވާން ދޫކޮށްލައިފައި ދިޔަ ހިސާބުން އެ މީހުންގެ އިހުމާލު އެބައޮތް ކަމަށެވެ.
"ފުލުހުންނަށާއި ރަށުގެ ސިއްހީ މަރުކަޒުގައި ތިބި ފަރާތްތަކަށް ދީފަ ހުރިހާ މައުލޫމާތެއްގައި އެ މީހުންނަށް ހަމަ ވަރަށް ރަނގަޅަށް އެބަ އިނގޭ ދޯނިން މީހަކު ވެއްޓުނު ކަން. ގޮވި ވާހަކަވެސް ހަމަ ފާހަގަ ކުރި. އެ މީހުން ބުނީ އެ މީހުންގެ ޑިންގީ ދިޔަވާތީ ހަމަ ދިޔައީ ކަމަށް. އެ ވަގުތުން ފެށިގެން އެމީހުންގެ އިހުމާލު ފާހަގަވޭ،" ރިލުވާން ވިދާޅުވިއެވެ.
މީގެ އިތުރަށް އޭނާ ވިދާޅުވީ އެ ލޯންޗަކީ ފީނާ، ރޭގަނޑުގެ މަސްވެރިކަމަށް 'ފުލް އިކުއިޕްމަންޓް' އާ އެކު ތައްޔާރު ވެފައިވާ ލޯންޗެއް ކަމަށެވެ. އެ ގޮތުން އަލިގަދަ ބައްތި އާއި، ފީނަން ބޭނުން ކުރާ ފިންސާއި މާސްކުވެސް އެ ލޯންޗުގައި ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ މިއީ ހަޔާތުގައި ވެސް އިހަވަންދޫއަށް މިފަދަ ކަނޑުމަތީގެ ބޮޑު ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ހާދިސާ ހިނގައި ދިޔަ ގޮތުން މާޒީގައި ހިނގައިފައި ހުރި ހިތާމަވެރި ހާދިސާތައް ހަނދާނަށް އައި ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
"ކުރީގެ ހަމަ އެނަމާ ބޯޓުގެ ހާދިސާ ހަމަ އަޅުގަނޑަށް ސިފަ ވެގެން ދިޔައީ" ރިލްވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގުމުން ޓެންޝަނަށް އަންނާނެ ކަން ވެސް ގަބޫލު ކުރާ ކަމަށެވެ. އެހެންނަމަވެސް މީހެއްގެ ފުރާނަ ދާން ދޫކޮށްލުމަށްފަހު އެގޮތަށް އައުމަކީ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގައި ދިޔަ ގޮތުން ލޯންޗުގައި ތިބި މީހުންނަށް މީހެއްގެ ފުރާނައަށް ވުރެ ލޯންޗު މުހިންމުވިކަމަށް ސިފަ ކުރެވޭ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރިލްވާން ވިދާޅުވީ މިކަމަށް އިންސާފު ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އިހުމާލުވި ފަރާތްތަކުން ޝަރީއަތެއް ކުރިއަށް ނުގެންގޮސް ނިންމާލާކަށް" ރިލްވާން ވިދާޅުވިއެވެ.
މި މައްސަލާގައި އިހުމާލެއް އުޅޭކަމެއް އަދި އެފަދަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ލޯންޗުގައި ތިބި މީހުންގެ މައުލޫމާތު ވެސް ލިބިފައިނުވާތީ އެ މީހުންގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.