ސީޕްލޭން އެކްސިޑެންޓް: ކެބިން ކުރޫއަށް ބޮޑެތި އަނިޔާތަކެއް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ސީޕްލޭން އެކްސިޑެންޓް: ކެބިން ކުރޫއަށް ބޮޑެތި އަނިޔާތަކެއް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި --

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނަކަށް މިއަދު ދިމާވި ހާދިސާގައި ކެބިން ކުރޫއަކަށް ބޮޑެތި އަނިޔާތަކެއް ލިބި، އޭނާއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި، ޓީއެމްއޭގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައި އަރިއަޅާލައި، ދިޔަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ، ސީޕްލޭން ނައްޓާލަން އުޅެނިކޮށް އިންޖީނަށް މައްސަލައެއް ދިމާވެ، ކުއްލިއަކަށް ސްޕީޑު ބާރުވުމުންނެވެ. އޭރު ކެބިން ކުރޫއެއް ކަނދުމަތީގައި ހުއްޓެވެ. އަދި ސީޕްލޭން ކޮންޓްރޯލް ނުވެ، އެއްފަޅިއަކަށް ބަރުވި ވަގުތު ކަނދު ބިންދައިގެން ގޮސް، ކަނދާއި ބޯޓާ ދޭތެރޭ ކެބިން ކުރޫ ފިތުނީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭގެ ސަބަބުން ކެބިން ކުރޫގެ ހާލު ސީރިއަސް ވެފައިވާއިރު، އޭނާއަށް ފަރުވާ ދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ކަމަށް، މައުލޫމާތު އެނގޭ ފަރާތަކުން "ސަން"އާ ހިއްސާކޮށްފައިވެއެވެ.

https://sun.mv/230386

މި ހާދިސާއާ ގުޅޭ ގޮތުން އެމްއޭސީއެލުން ބުނީ، ސީޕްލޭން ދިޔަވީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރުމުގެ ތެރޭގައި ކަމަށެވެ. އެ ކަން ހިނގުމާއެކު، އެ ކުންފުނީގެ އެއާޕޯޓު އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށާއި އެ ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން ވަނީ އެ ހާދިސާ ހިނގި ނަމަވެސް ވޯޓާ އެއިޑްރޯޑްރޯމްއިން ދެމުން އަންނަ ޚިދުމަތްތައް މެދުނުކެނޑި، ކުރިއަށްދާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް