ޖެހިލުމެއް ނެތި މޫދަށް ފުންމާލި ޕައިލެޓުން: ކޮންފަދަ ނަމޫނާއެއް!

ޕައިލެޓުން މޫދަށް ފުންމާލައި، އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުން --

ކުއްލި ނުރައްކަލެއް ކުރިމަތިވާ ވަގުތު، އަމިއްލަ ރައްކާތެރިކަމަށް ވުރެ އެހެން މީހުންގެ ފުރާނަ އިސްކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލް ސަރަހައްދުގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާގެ ތެރެއިން ފެނިގެންދިޔައީ އެފަދަ އާދަޔާ ޚިލާފު މަންޒަރެކެވެ. މޫދުގައި އޮތް ސީޕްލޭނެއް އެއްފަރާތަށް އަރިއަޅާލައި ދިޔަވާން ފެށުމާއެކު، ޔުނީފޯމުގައި ތިބި ޕައިލެޓުންނާއި ކެބިން ކުރޫއިން ހިމެނޭ ޓީއެމްއޭގެ މުވައްޒަފުންތަކެއް ވަނީ ފަސިންޖަރުންނާއި އެ މީހުންގެ އެކުވެރި ފަޅުވެރިން ސަލާމަތްކުރުމަށް ޖެހިލުމެއް ނެތި މޫދަށް ފުންމާލާފައެވެ.

އިއްޔެ ހިނގި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މި ސީޕްލޭން ހާދިސާއަށް ފަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން މި މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ. ބޯޓު ދިޔަވަމުންދިޔަ ނުރައްކާތެރި ދަނޑިވަޅުގައި، ފަސްޖެހުމެއް ނެތި އެ މުވައްޒަފުން މޫދަށް ފުންމާލައިގެން ބޯޓާ ދިމާއަށް ފަތާފައި ދިޔައީ އޭގައި ތިބި މީހުންނަށް އެހީތެރިވުމަށެވެ. ހާދިސާއެއް ހިނގުމުން އާންމުކޮށް ދެކެވެނީ ބޯޓަށް ލިބުނު ގެއްލުމާއި ތަހުގީގުގެ ވާހަކަ ކަމަށް ވިޔަސް، މި ވީޑިއޯއިން ފެންނަ ހިތްވަރުގަދަ އަމަލު ވަނީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލާފައެވެ.

މި ބިރުވެރި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 2:25 ހާއިރު ވީއައިއޭގެ ވޯޓާ އެރޮޑްރޯމްގެ ޕްލެޓްފޯމާ ދިމާއަށް ޓީއެމްއޭގެ ޑީ ހެވިލެންޑް ކެނެޑާ ޑީއެޗްސީ-6-300 ޓްވިން އޮޓާ މަރުކާގެ، 8Q-TAL ނަންބަރު ސީޕްލޭން ދުއްވާފައި ދަނިކޮށެވެ. އެ ވަގުތު ބޯޓުގެ އެއް ކަނދު ނުވަތަ ޕޮންޓޫން ބިންދައިގެން ދިއުމުގެ ސަބަބުން ނުވަތަ ނެއްޓުމުގެ ސަބަބުން، ބޯޓުގެ ކޮންޓްރޯލް ގެއްލި އެއްފަރާތަށް އަރިއަޅާލައި ދިޔަވާން ފެށިއެވެ.

މި ހާދިސާ ހިނގި ވަގުތު ކަނދުމަތީގައި މަސައްކަތްކުރަމުންދިޔަ ޒުވާން ފަޅުވެރިޔަކަށް ވަނީ އަނިޔާވެފައެވެ. ބޯޓާއި ކަނދާ ދެމެދު ތާށިވި އެ ފަޅުވެރިޔާ ސަލާމަތްކޮށް، ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައެވެ. އެ ކެބިން ކުރޫއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ރައްކާތެރިކަމާއެކު ބޯޓުން ބާލާފައިވާއިރު، އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، ހާދިސާ ހިނގުމާއެކު އެ ކުންފުނީގެ އެއާޕޯޓް އިމަޖެންސީ ސާވިސަސްއިން ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފަހު ސީޕްލޭން އޮޕަރޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންދާ ކަމަށް ޓީއެމްއޭއިން ބުނެއެވެ.

ރަސްމީ ބަޔާންތަކާއި ތަހުގީގުތަކަށްވުރެ، މި ހާދިސާގެ އެންމެ އަސަރުގަދަ ބަޔަކަށްވީ މީހުން ސަލާމަތްކުރަން މޫދަށް ފުންމާލި މުވައްޒަފުންގެ ހިތްވަރެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯ ހިއްސާކުރި މައުރޫފް މުހައްމަދު ވަނީ އެ މުވައްޒަފުންނަށް ވަރަށް އަސަރާއެކު ޝުކުރު އަދާކޮށްފައެވެ. މައުރޫފް ލިޔެފައިވާ ގޮތުގައި، ފަސިންޖަރުންނާއި އަމިއްލަ ޓީމުގެ މެންބަރުން ސަލާމަތްކުރުމަށް ޔުނީފޯމުގައި ތިބެގެން އެ މީހުން މޫދަށް ފުންމާލާ މަންޒަރު ފެނުމުން އޭނާގެ ލޮލުން ކަރުނަ އޮހޮރި، ހިތް ފަޚުރުން ފުރުނެވެ.

https://sun.mv/230426

އެ ބިރުވެރި ވަގުތުކޮޅުގައި އެ މުވައްޒަފުން އަމިއްލަ ނަފްސާ މެދު ވިސްނުމަށް މަޑުޖެހިލާފައި ނުވާކަން މައުރޫފް ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި، އެ މީހުން ސަލާމަތްކުރަން މަސައްކަތްކުރި ކޮންމެ މީހަކީވެސް ކޮންމެވެސް މީހެއްގެ ދަރިއެއް، ބައްޕައެއް، ބައިވެރިއެއް ނުވަތަ އެކުވެރިއެކެވެ. އަދި އެންމެ ބޭނުންޖެހުނު ވަގުތު އެހާ ބޮޑަށް އަޅާލައި، ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިން ކަމަށްޓަކައި ޝުކުރު އަދާކުރަމުން، އެ މުވައްޒަފުން ދެއްކި ހިތްވަރު އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް މައުރޫފް ބުންޏެވެ.

މައުރޫފްގެ މި ބަސްތަކުން ހަނދާންކޮށްދެނީ ކުއްލި ނުރައްކަލުގެ ވަގުތުތަކުގައި ގިނަ ފަހަރަށް ހަނދާން ނެތޭ ހަގީގަތެކެވެ. ކޮންމެ ފަސިންޖަރަކާއި ކޮންމެ ފަޅުވެރިއެއްގެ ފަހަތުގައި، އެ މީހުން ސަލާމަތުން އެނބުރި ގެއަށް އަންނާނެ ވަގުތަކަށް އިންތިޒާރުކުރާ އާއިލާއެއް ތިބޭ ކަމެވެ. އެ މުވައްޒަފުން މޫދަށް ފުންމާލީ ތައުރީފަކަށް، މެޑަލްއަކަށް ނުވަތަ ނޫސްތަކުގެ ސުރުހީއަށް އެރުމުގެ އުންމީދުގައެއް ނޫނެވެ. އެ މީހުން އިޖާބަދިނީ އެހީއަށް ބޭނުންވެފައި ތިބި ބަޔަކު ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނުމަށެވެ.

comment ކޮމެންޓް