ބ. އޭދަފުށީގައި ބޭއްވި "ރެޑްވޭވް އޭދަފުށި ކަޕް 2023"ގެ ޗެމްޕިއަންކަން ހުސް ސޮނގުން ހޯދައިފިއެވެ.
ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ޓިކެޓު ވިއްކައިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ހުސް ސޮނގުން ހޯދީ އޭދަފުށީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި 2-0ގެ ނަތީޖާއަކުން ވެލާ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެ މެޗުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، ހުސް ސޮނގުންގެ ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މީގެ ކުރިން ގައުމީ ޓީމުގައި ވެސް ވިދާލި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާގެ އެ ދެ ގޯލު ވެސް ފެނުނީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ.

އޭދަފުށި ކަޕް 2023ގެ ފައިނަލުގައި ވެލާ ސްޕޯޓްސް ކްލަބު ކޮޅަށް ގޯލު ޖެހުމަށްފަހު ހުސް ސޮނގުންގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އުފާފާޅުކުރަނީ -- ފޮޓޯ/ އޭދަފުށި ކައުންސިލް
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުސް ސޮނގުންގެ ރައްޒާން ރަޝީދެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ހުސް ސޮނގުންގެ އިއްބެ ރަން ބޫޓު ހޯދި އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ވެލާ ސްޕޯޓްސް ކްލަބުގެ އަހުމަދު ޖައްޝަންއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ހުސް ސޮނގުންގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ ހުސް ސޮނގުންގެ ކޯޗު އަހުމަދު ލަތީފް (ލައްޗޭ) އެވެ.
އޭދަފުށި ކައުންސިލާއި ކްލަބު އޭދަފުށި ގުޅިގެން ބޭއްވި އެ މުބާރާތުގައި ހަތަރު ޓީމެއް ބައިވެރިވިއެވެ. އެއީ ހުސް ސޮނގުންނާއި ވެލާ ސްޕޯޓްސް ކްލަބުގެ އިތުރުން އިރުމަތި އެފްސީ އަދި ވީ ވެލާއެވެ.