މި ދައުރު ނިމެންވާއިރަށް، ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް، ދާއިމީ ލިސްޓު ނުނެރެވިދާނެކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު މުއްދަތު ހަމަވި ދެވަނަ ބުރުގެ ސްކީމަށް 40،594 ފޯމު ހުށަހަޅައިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއީ ބިމަށް އެދި ހުށަހެޅި 19،347 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 21،247 ފޯމެވެ.
މިހައި ގިނަ އަދަދެއްގެ ފޯމު ހުށަހަޅައިފައިވާއިރު، އިވެލުއޭޝަން މަސައްކަތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި ދައުރު ނިމެންވާއިރަށް އެ ހުރިހާ ފޯމެއް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނުނިމޭނެ ކަމަށެވެ.
ފޯމުތަކުގެ އަދަދު ދެނެގަނެވި، އެންމެ ބޮޑު މަސައްކަތަކަށްވާނީ އެ ހުރިހާ ފޯމެއްގައި ހުރި މައުލޫމާތު ވަކިވަކިން ބެލުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ފޯމުތަކުގެ އަދަދު އަޅުގަނޑުމެންނަށް އެނގޭ. އެކަމު އޭގައި ހުރި އެއްޗެއް ބެލީމާ އެނގޭނީ އިވެލުއޭޓްކޮށް، ވަކި ދާއިމީ ލިސްޓެއް ނެރެން،" އަކްރަމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ މަސައްކަތް އަވަސް އަރުވައިލައިގެން ކުރުމުގެ ނިޔަތުގައި، ލިސްޓުތަކެއް ނެރެ، ގޯތީގެ ރަޖިސްޓްރީ ދޫ ނުކުރާނެ ކަަމަށެވެ. ހަމައެއާއެކު އަދި ދެވަނަ ބުރުގެ މި މަޝްރޫއަށް ބިން ދޫކުރާ ސަރަހައްދު ކަމަށްވާ އުތުރު ތިލަފަޅު ހިއްކައި ނުނިމޭކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ނުހިއްކާ ތަނަކުން ބިން ދިނުމަށް ލިޔުން ނުދޭނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކުރީ ސަރުކާރެއްގައި ފެނުނު ދެއްތޯ، ނުހިއްކާ އޮތް ތަނަކުން ގޯތި ލިބުނުކަމަށް ލިޔުން ދިންތަން. އެހެންނެއް އެކަމެއް ނުކުރާނަން،" އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު މި އޮތް ސްކީމުން ވެސް ބޯހިޔާވަހިކަމަށް އެދި ތިބި ރައްޔިތުން ހާމަވާން އެބައޮތްކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ ދައުރުގައި މި މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ދެން އަލަށް އަންނަ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އުންމީދުކުރައްވާކަމަށް އަކްރަމް ވިދާޅުވިއެވެ.
އިއްޔެ އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އިންތިޚާބީ ރައީސް ޑރ. މުއިއްޒު މި ނިމޭ ސަރުކާރުގެ މަޝްރޫއެއް ހުއްޓަވައި ނުލައްވާނެކަމަށް ފާހަގަކުރައްވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މި މަޝްރޫއާމެދު ސީދާ ދެން އައު ސަރުކާރުން އަމަލުކުރާނެ ވަކި ގޮތެއް ހާމައެއް ނުކުރައްވައެވެ.
ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 4000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމައިފައެވެ.
މި މަޝްރޫއު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އިއުލާންކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، މާލޭގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.