ދަ ޑިމޮކްރެޓްސްގެ މެންބަރުން ތިބެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، ފާސްކުރަން ފުރުސަތެއް ނުދޭނެ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، މި ސަރުކާރު އޮތީ ވައްކަމާއި ކޮރަޕްޝަނުން ހައްދުން ނައްޓާފައި ކަމަށެވެ. އަދި މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައި، ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ދައުރު ހަމަވުމުގެ ކުރިން އިތުރަށް ދައުލަތް ދަރުވާލައި ފައިސާއިން ވައްކަން ކުރަން ކަަމަށް އިލްޔާސް ތުހުމަތުކުރެއްވިއެވެ.
"ސާޅީސްއަށް ބިލިއިންގައި އޮތް ދަރަނި މި ސަރުކާރު ނިމުނުއިރު 113 ބިލިއަނަށް އަރާފަ މިއޮތީ. މިއަދު އަނެއްކާ 6.5 ބިލިއަން ރުފިޔާ ބޭނުންވޭ އެ ބުނަނީ. ހަމައެކަނި މި ސަރުކާރުން އެ އޮތީ 75 ބިލިއަނަށް ދަރަނި އިތުރުކޮށްފަ،" އިލްޔާސް ވިދާޅުވިއެވެ.
"ދެން މި ބަޖެޓު ހުށަހަޅާފަ މި ވިދާޅުވީ ތެޔޮ އަގު ބޮޑުވަނީއޭ. އާސަންދައާ އެންސްޕާއަށް ބޭނުންވަނީއޭ. އަޅުގަނޑުމެން މަޖިލީހުން ޖެހޭ މިކަން ހުއްޓުވަން."
އިލްޔާސް ވިދާޅުވީ، މި ސަރުކާރުން އުޅެނީ އާ ސަރުކާރު އައުމުގެ ކުރިން އިތުރަށް ދަރަނި ބޮޑުކުރަން ކަމަށެވެ.
"ސަޕްލިމެންޓްރީ ބަޖެޓަކުން އެ އުޅެނީ މި ސަރުކާރު ނިމިގެންދާ އިރު އިތުރު ހަ ބިލިއަނުން ދަރުވާފަ ދާން. ސަރުކާރުން އެ އުޅެނީ އާސަރުކާރު ނޭވާ ހޮޅިއަށް ވައްޓާލާފަ ފިލަން،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮވެ އެ ޕާޓީގެ މެންބަރުން މަޖިލީހުން އެކަން ކުރަން ތަން ނުދޭނެ ކަމަށެވެ. އަދި މި ސަޕްލިމެންޓްރީ ބަޖެޓުން ކުރަން އުޅޭ ކަންތައް އެނގެމުންދާ މިންވަރަކަށް ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
"މި ކުރަނީ ސީދާ ވައްކަން. އުންމީދުކުރަން މިއަންނަ ސަރުކާރުން މިކަން ރަނގަޅަށް ބަލައިދޭނެކަމަށް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގަ ތިބެގެން މިކަން ބެލުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. ވައްކަން ނުބަލައިފިއްޔާ މި ރާއްޖެއަކުން ވައްކަމާއި ކޮރަޕްޝަނެއް ނުހުއްޓުވޭނެ. ވައްކަން ކުރާ މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭނެ،" އިލްޔާސް ވިދާޅުވިއެވެ.
މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ތަފުސީލުތައް ނުހިމަނައި ފުރަތަމަ އެ ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން އަލުން ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅީ އިއްޔެއެވެ.
އެ މައްސަލަ މަޖިލީހުގައި އަންގާރަ ދުވަހު އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، ކޯރަމް ހަމަވާން ބޭނުންވާ 22 މެންބަރުން ވެސް މަޖިލީހުގައި ތަޅުމުގައި ނެތުމުން ޖަލްސާ ނުބޭއްވުނެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއެވެ. ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުން އަންނަނީ ތަކުރާރުކޮށް މި ބަޖެޓު ފާސްކުރުމާ ދެކޮޅު ހަދަމުންނެވެ.