ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އަނބުރާ ފޮނުވައިލި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ސަޕްލިމަންޓަރީ ބަޖެޓު އަލުން ހުށަހެޅީ އިއްޔެއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަނީ، ސަޕްލިމެންޓަރީ ބަޖެޓު މިފަަހަރު ހުށަހެޅިއިރު ހުރިހާ ތަފްސީލެއް ހިމެނޭތޯ ބެލުމުގެ މަސައްކަތެވެ.
އަލުން މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން ޖެހުނީ މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ތަފުސީލުތައް ނުހިމަނައި ފުރަތަމަ އެ ހުށަހެޅުމުންނެވެ.
އެހެންވެ، އެ ތަފުސީލުތައް ފޮނުވައިދޭން މީގެ ކުރިން ވެސް މަޖިލީހުގެ އިދާރާއިން މިނިސްޓްރީގައި އެދިފައިވެއެވެ.
އެކަމަކު، އެ ތަފުސީލުތައް ދެވަނަ ފަހަރަށް ފޮނުވިއިރު ވެސް މާލިއްޔަތު ގާނޫނުގައި ބުނާ ހުރިހާ ތަފުސީލުތަކެއް ހިމަނައިފައިނުވެއެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވައި ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާލިއްޔަތު ގާނޫނުގައި ހިމެނޭ ހުރިހާ ތަފުސީލުތަކާ އެކު އަލުން އެ ބަޖެޓު މަޖިލީހަށް ހުށަހަޅަން އެންގިއެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ހުށަހެޅުމުން އެ މައްސަލަ އަންގާރަ ދުވަހު އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، ކޯރަމް ހަމަވާން ބޭނުންވާ 22 މެންބަރުން ވެސް މަޖިލީހުގައި ތަޅުމުގައި ނެތުމުން ޖަލްސާ ނުބޭއްވުނެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއެވެ.
ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.