ސަރުކާރުގެ ރިހެބިލިޓޭޝަން މަސައްކަތް، އަންނަ ދައުރުގައިވެސް ކުރިއަށްގެންދާނެ ކަމަށް އުއްމީދުކުރަން: ނައިބު ރައީސް

މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ _ ފޮޓޯ: ރައީސް އޮފީސް

މަސްތުވާތަކެތީގެ ފަރުވާއަށް މި ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އަންނަން އޮތް ސަރުކާރުން ވެސް މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގައި އިއްޔެ ފުލުހުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، މި ދައުރަކީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު ދައުރެއް ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބައެއް މަސައްކަތްތައް ފަސްކުރަން ޖެހުނުކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އޭގެ ތެރޭގައި ރިހެބިލިޓޭޝަނާ ގުޅުން ހުރި މަސައްކަތްތަކެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ސަރުކާރުން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ފުލުހުންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެއް ކަމަކީ، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންގެ ފަރުވާއަށް 'ރިހެބިލިޓޭޝަން އައިލެންޑެއް'ގެ ގޮތުގައި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ލ. އަތޮޅު ކަޅައިދޫ ތަރައްގީ ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަންނަން ޖެހޭ އެއްޗެއް ކަމަށް، އެއީ އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ. އަޅުގަނޑުމެން ދެރަވަނީ މިއަދު އެކަންތައްތައް ނުކުރެވި އެ ފުރުސަތު ނުލިބި، ނޫނީ އަޅުގަނޑުމެންނަށް އެކަންތައްތައް ތަނަވަސް ނުވެ އޮވެ ދާންވެސް ޖެހުނީމަ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މުޖުތަމައަކީ އެއްވެސް މީހަކު ބާކީނުކޮށް، އެންމެން ވެސް ޝާމިލުވާ މުޖުތަމައެއް ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން އެކަހެރިވާ މީހުން ވެސް އިސްލާހުކޮށް، މުޖުތަމައަށް ހެޔޮ ގޮތުގައި ނެރެވޭނެ ގޮތަށް ކަންތައްތައް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަން ކުރެވެން އޮތީ މިފަދަ ހަރުދަނާ އުސޫލެއްގެ ތެރެއިން ވަށައިޖެހޭ ކަންތައްތައް ހިމެނޭ ގޮތަށް އަޅުގަނޑުމެން ތައްޔާރުކޮށްފައި އޮތް ޕްލޭނާ އެއްގޮތަށް، އެގޮތަށް ކަންތައްތައް ކޮށްގެން،" ނައިބު ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޑިޓޮކްސް ކުރުމާއި ރިހެބިލިޓޭޓްކުރުމާއި، އެ މީހުންނަށް މަސައްކަތެއް ކުރަން ދަސްކޮށްދީ، މަސައްކަތަށް ޝައުގުވެރިކަން އުފައްދައިގެން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތަކަށް އެ މީހަކު މުޖުތަމައަށް އަލުން ނެރެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއީ ގާތްގަނޑަކަށް އަށެއްކަ މަސް ވަންދެން އަޅުގަނޑުމެން ކުރި މަސައްކަތެއްގެ ތެރެއިން އަޅުގަނޑުމެންނަށް އުފަން ކުރެވުނު ޕްލޭނަކަށް ވާތީވެ އަދި ވަރަށް ގިނަ ވަގުތުތައް އެކަމަށް ހޭދަ ކުރެވި ވަރަށް ގިނަ ދަތުރުތައް އަޅުގަނޑުމެންނަށް ލ. އަތޮޅަށް ޚާއްސަކޮށް، ކުރެވިފަ އޮތް ކަމަކަށް ވީތީ އަޅުގަނޑު ހިތަށް އެރީ މި ވާހަކަ ދަންނަވާލަން. އަޅުގަނޑުގެ އުއްމީދަކީ މިކަންތައްތައް އިރާދަކުރެއްވިއްޔާ އަންނަން އޮތް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށް،" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ މި ދައުރުގައި ފުލުހުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަމާން މުޖުތަމައެއް ގާއިމް ކުރުމަށް ފުލުހުންނާއެކު ކުރެވުނު އެހެނިހެން މަސައްކަތްތައް ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

comment ކޮމެންޓް