ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އޭނާގެ އިތުރު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވަރިވާން ދިޔަ އިތުރު އަންހެން މީހަކަށް އެ މެޖިސްޓްރޭޓް ގުޅައި، މެސެޖްކުރި ކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން އިއްޔެ އަނެއްކާވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން މެޖިސްޓްރޭޓާ ގުޅޭގޮތުން އިތުރު މައްސަލައެއް ވެސް މިހާރު ބަލަމުންދާ ކަމަށާއި އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
އަދި ކުރީގެ މައްސަލާގައި އެ މެޖިސްޓްރޭޓް ވަކިކުރުމާ މެދު މަޖިލީހުން އަދިވެސް ގޮތެއް ނުނިންމާތީ އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު، ތަހުގީގުކޮށް ވަކި ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސްގެ މޭޒުން ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
އޭނާއާ ގުޅޭގޮތުން ޖޭއެސްސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކީ ކުޅުދުއްފުށީ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެކެވެ. އޭނާ ވަނީ އެ މައްސަލާގައި ސަސްޕެންޑުކޮށްފައެވެ.
އެހެންނަމަވެސް އޭނާގެ އެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު އަމަލުތަކެއްކަން ސާބިތުވާތީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމީއެވެ.
އެ މައްސަލާގައި އަލީ އާދަމް ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ ސަސްޕެންޑުކުރީ އެ މައްސަލައިގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ވަނީ އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައެވެ.
އޭނާ ސަސްޕެންޑުކުރީ އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެނެވެ.
މިކަންތައް ހިނގި ދުވަސްވަރު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރުކުރިއެވެ.