ފުއާދު ބޭނުންވަނީ މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބު އެއްކޮށްލަން

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ހާއްސަ ބަސްދީގަތުމެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއް މަގާމަށް އިންތިޚާބުވާ ބޭފުޅުން، އެ މަގާމުގެ ދައުރު ހަމަނުވަނީސް އެހެން މަގާމަކުން ބަދަލުވުމުގެ ސަބަބުން ބާއްވަން ޖެހޭ ބައި އިލެކްޝަންތަކާއި އެ ކަމަށް ދާ ހޭދައިގެ ހައްލަކަށް ވާނީ، އިންތިޚާބުތައް އެއްކޮށް ބޭއްވުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ގިނަ އަދަދެއްގެ ކައުންސިލަރުން އަންނަނީ ތައްޔާރުވެ، އެކަން އިއުލާނު ކުރަމުންނެވެ. އިންތިޚާބީ މަގާމުތަކުގައި ތިއްބަވައި ބޭބޭފުޅުން އެކިއެކި ސަބަބުތަކާ ހެދި މަގާމުން އިސްތިއުފާ ދެއްވުމާއި އެހެން މަގާމަކަށް ކުރިމަތިލުން ފަދަ ކަންކަން ހިނގައިގެން ބާއްވާ ބައި އިލެކްޝަންތަކަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.

މިއަދު "ސަން"އާ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، އިންތިޚާބީ މަގާމެއްގައި ހުންނަވާ ބޭފުޅަކު އެހެން މަގާމަކަށް ކުރިމަތިލާން އެއްވެސް ގާނޫނީ ހުރަހެއް ނޯންނާނެ ކަމަށާއި އަދި، އެއީ އޭގެ ޒާތުގައި އޭނާގެ ކަންބޮޑުވުމެއް ވެސް ނޫން ކަމަށެވެ.

"ވަކި ދައުރަކަށް އިންތިޚާބުވެފައި، އޭގެ ދެބައިކުޅަ އެއްބަޔަށް ވެސް ނުދަނީސް ވަކިވުމަކީ އިދާރީ ގޮތުން ވެސް އަދި އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ވެސް ހުއްޓުމެއް އަންނާނެ ކަމެއް. އެދެވޭ ކަމެއް ނޫން. އެކަމަކު، އެ ކަމުގައި ހުރަހެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ކައުންސިލަރަކު އެ މަގާމު ދޫކޮށްލާފައި މަޖިލީހަށް ވާދަކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ކަމަށް ގަބޫލުނުކުރައްވައި ކަމަށެވެ.

"ދެ ކަމަކީ ވެސް އެ ބޭފުޅުންގެ ދާއިރާއަށްޓަކައި ޚިދުމަތް ކުރެއްވުމަށް ކުރައްވާ ކަމެއް ކަމަށް ވެފައި. ކައުންސިލް މެންބަރަކަށް ހުންނަވައިގެން ކުރެއްވޭނެ މަސައްކަތަށް ވުރެން ފުރިހަމަ މަސައްކަތެއް މަޖިލީހަށް ވަޑައިގެން ކުރެއްވިދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވަންޏާ އަދި ރައްޔިތުން ބަލައިގަންނަ ކަމަށް ވަންޏާ އެ ކަމާ ދޭތެރޭގައި އަޅުގަނޑުމެން އެއްޗެއް ބުނާނެ ޖާގައެއް ނެތް،" ފުއާދު ވިދާޅުވިއެވެ.

"އެހެންނަމަވެސް ކޮންމެ މަގާމަކަށް ކުރިމަތި ލެއްވިޔަސް އެ މަގާމުގެ މުއްދަތު ހަމަވަންދެން އެ މަގާމެއްގައި ހުންނެވުމަކީ އަޅުގަނޑުމެން ދަސްކުރަން ވެއްޖެ ކަމެއް،"

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ހާއްސަ ބަސްދީގަތުމެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ، މި ކަމުގެ ހައްލު ހޯދަން ޖެހޭނީ ގާނޫނު ބަދަލު ކޮށްގެން ކަމަށެވެ. އެއީ، އެހާ އަވަހަށް ކުރެވިދާނެ ކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

ފުއާދު ވިދާޅުވީ، އެ މައްސަލައިގެ ހައްލަކަށް ވާނީ އެކި އަހަރު އެކި އިންތިޚާބު ބޭއްވުމުގެ ބަދަލުގައި އިންތިޚާބުތައް އެއްކޮށް ބޭއްވުން ކަމަށެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ ހައްލަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ބޮޑު ދެ އިންތިޚާބު ބޭއްވުމުގެ ބަދަލުގައި އެއް އިންތިޚާބު ބާއްވައިފިއްޔާ ވަރަށް ރަނގަޅުވާނެ. ބަޖެޓަށް ވެސް ލުއިވާނެ،" އޭނާ ވިދާޅުވިއެވެ.

"އެއީ ކަންނޭނގެ އެންމެ ގައުމަށް ފައިދާ ހުރި ހައްލަކަށް ވާނީ މި ކަމުގައި. އެކަމަކު، ގާނޫނަށް ބަދަލެއް ގެންނަން ޖެހޭނެ،"

މިހާރު އޮންނަ ގޮތުން، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައުންސިލްގެ އިންތިޚާބު އޮންނަނީ ވަކިންނެވެ. އަންނަ އަހަރު އޭޕްރީލް މަހު މަޖިލިސް އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، ކައުންސިލް އިންތިޚާބު އޮންނާނީ 2026 ވަނަ އަހަރެވެ.

comment ކޮމެންޓް