ނަފްސާނީ ދުޅަހެޔޮކަމަށް ތަފާތު ކުލަތަކުގެ ސަބަބުން އަސަރު ކުރޭ!

ހިތްހަމަޖެހޭ ކުލަތަކުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވައިދޭ!

"ކަލާ ސައިކޮލޮޖީ" އަކީ ތަފާތު ކުލަތަކުގެ ސަބަބުން އިންސާނާގެ ދިރިއުޅުމުގެ އަޚުލާޤަށް މައިގަނޑުގޮތެއްގައި ކުރާ އެކި ކަހަލަ އަސަރުތައް ކަމުގައި ވާއިރު ކްރޯމޯ ތެރަޕީ ނުވަތަ ކަލާ ތެރަޕީ އަކީ ތަފާތުކުލަތަކާއި އެކި ކުލަކުލައިގެ އަލި ބޭނުންކޮށްގެން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ޓަކައި ދެވޭ ފަރުވާއެކެވެ.

ކުލަތަކުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި އުފައްދާ ހަކަތަޔަށާއި ސިއްހީ ދުޅަ ހެޔޮކަމަށް ތަފާތުތަކެއް އަންނަ ކަމަށް ފަހުގެ ޢިލްމީ ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.

އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ސައިކިއެޓްރިސްޓެއް ކަމުގައިވާ ޕްރޮފެސަރ ކީ ރެޑްފިލްޑް ޖެމިސަންގެ ދިރާސާއިން ހާމަވާގޮތުގައި ކްރޮމޯ ތެރަޕީގެ ސަބަބުން މުޖުތަމަޢުގައި ޢާއްމުވަމުން އަންނަ ނަފްސާނީ ބައެއް އުނދަގޫތައް ކަމުގައިވާ އެންޒައިޓީ، ޑިޕްރެޝަން، އޭ.ޑީ.އެޗް.ޑީ، ޕީ.ޓީ.އެސް.ޑީ ފަދަ ބަލިތަކަށް ފަރުވާލިއްބައިދެއެވެ.

ތަފާތު ކުލަތަކުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި އުފައްދާ ހަކަތަޔަށާއި އިހްސާސްތަކަށް އަންނަ ބަދަލުތައް ކްރޯމޯ ތެރަޕީގެ އެހީގައި ބަދަލުކޮށްލެވެއެވެ. މިގޮތުން ކަލާ ތެރަޕިސްޓުން ބުނާގޮތުގައި ކޮންމެ ކުލަޔަކީ ވެސް މުޅިން ތަފާތު އިހުސާސެކެވެ. ހިތްހަމަޖެހުން، އުފާވުން، ރުޅިގަދަވުން، ނިދިއައުން، ފޫހިވުން، ލޯބިވުން މިއީ ހައްތާވެސް ތަފާތު ކުލަތަކުގެ އެހީގައި ބަދަލުގެނުވައިދެވިދާނެ އިހުސާސްތަކެކެވެ.

ނަފްސާނީގޮތުން ދިމާވާ ތަފާތު އުނދަގޫތަކަކީ ކޮންމެ ކަހަލަ މާހައުލެއްގައި ދިރިއުޅުނުކަމުގައިވިޔަސް އަދި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ކަމުގައިވިޔަސް ދިމާވެދާނެ އުނދަގުލެކެވެ. ގިނަ ޢިލްމީ ދިރާސާސާތަކުން ހާމަވާގޮތުގައި ނަފްސާނީ އެކިކަހަލަ އުނދަގޫތައް ތަހައްމަލްކުރާ ގިނަ ފަރާތްތަކަކީ ކޮންމެވެސް ކަހަލަ ފަންނެއްގެ މާހިރެކެވެ. މިގޮތުން ދުނިޔޭގެ މަޝްހޫރު އާޓިސްޓުންގެ ތެރޭގައި ހިމެނޭ ރޮބާޓް ޝޫމަން، ވިންސެންޓް ވެންގޯ، ސިލްވިއާ ޕްލެތު އަދި ރޮބިން ވިލިއަމްފަދަ ތަފާތު އެތައް އާޓިސްޓުންނެއް ފާހަގަކޮށްލެވެއެވެ.

ތަފާތު ކުލަތަކުން ގެނުވައިދޭ އެކިއެކި އިހުސާސްތައް

އެމެރިކާގެ މަޝްހޫރު މެސެޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލުގެ ސައިކިއެޓްރިސްޓެއް ކަމުގައިވާ ސްޓީވަން ގެންސްގެ ދިރާސާ ބުނާގޮތުން ކްރޯމޯ ތެރަޕީގެ ހަ ފައިދާއެއް ވެއެވެ. އޭގެތެރޭގައި:

ނަފްސާނީ ގޮތުން މިޒާޖަށް އަންނަ ކުއްލި ބަދަލުތައް ހައްލުވުން:

ތިމާ ޢާއްމުކޮށް ދިރިއުޅޭ ވަށައިގެންވާ ސަރަހައްދުގައި އެކުލެވޭ ކުލަ ބަދަލުކޮށްލުމުން އުނދަގޫ ޚިޔާލުތަކާ ދުރަށް ދިއުމަށް ފަސޭހަވެއެވެ. މިސާލަކަށް ނިދާ ކޮޓަރީގެ ބޮކީގެއަލި، ކޮޓަރީގައިވާ ކުލަ ނުވަތަ ކެއުމަށް އިންސާފުކުރާ ސަރަހައްދުގައި އެކުލެވޭ ކުލަ ބަދަލުކޮށްލުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ލިބުމާއި ވަރުބަލިކަމުގެ ސަބަބުން އުފެދޭ ކުދިކުދި އުނދަގޫ ޚިޔާލުތަކާ ދުރަށް ދިއުމަށް ފަސޭހަވެ މިޒާޖަށް އުފާވެރިކަން ގެނެސްދޭލެއް އަވަސްވެއެވެ.

ހިތާމަ ވެރިކަމާއި މަޑުމޮޅިކަން ކަނޑުވައިލަދިނުން:

އުފާވެރި ކުލައެއްގެ ސަބަބުން ތިމާގެ ހިތާމަވެރި އިހުސާސްތައް ކޮންމެވެސް މިންވަރަކަށް އުފާވެރިކަމަށް ބަދަލުކޮށްދެއެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ސަބަބުން ލިބިފައިވާ ހިތްދަތިކަމެއް ވަގުތުކޮޅަކަށް ހަނދާންނައްތައިލައެވެ.

ނިދަން ފަސޭހަވުން:

ކްރޮމޯ ތެރަޕީގެ ސަބަބުން ހަށިގަނޑަށް ހަމަޖެހުން ލިބުމާއި އެކު ޚާއްސަކޮށް ރޭގަނޑުގެ ނިދި ނިދާލުމަށް ފަސޭހަވަދެއެވެ. މާހައުލުގައިވާ ހިތްގައިމު ކުލައެއްގެ ސަބަބުން ނިންޖާ ކުރަންޖެހޭ ހަނގުރާމަ ހުއްޓުވާލައި ސިކުނޑިއަށް ގެނުވައިދޭ ތާޒާކަމަކާއި ހިތަށް ލިއްބައިދޭ ހަމަޖެހުމުގެ ސަބަބުން ފަސޭހަކަމާއި އެކު ނިދައިލެވެއެވެ.

ހަކަތަ އިތުރުވުން:

އުފާވެރި އަލި ކުލަތަކުގެ ސަބަބުން ވަރުބަލިކަން ފިލުމާއި ހަށިގަނޑުގައިވާ ހަކަތަ އިތުރުވެ ކަންނެތްކަމާއި ވަރުބަލިކަން ފިލުވުމަށް މަގުފަހިކޮށްދެއެވެ. މިކަމުގެ ސަބަބުން މުޅިދުވަސް އުޖާލާވެ ހަށިގަނޑަށް ތާޒާކަން ލިއްބައިދެއެވެ.

ރުޅި މަޑުކޮށްދިނުން:

ކްރޯމޯ ތެރަފީގެ އެހީގައި މާހައުލުގައިވާ އުފާވެރި ކުލައެއްގެ ސަބަބުން އަވަހަށް ރުޅިމަޑުކުރުމަށް އެހީތެރިވެދެއެވެ. ހިތަށް މަޑުމޮޅިކަން ގެނެސްދިނުމާއި އެކު ހިއްސުތަކަށް ހަމަޖެހުން ލިބެއެވެ. ރުޅިއަކީ ބައެއް ޙާލަތްތަކުގައި ހަމަބުއްދި ފިލުވައިލާ އިޙުސާސެކެވެ. މިފަދަ ވަގުތުތަކުގައި ހިތްއެދޭ ކުލަޔެއް އެކުލެވޭ މާހައުލަކުން ސިކުނޑިއަށް ހަމަޖެހުން ގެނުވައިދެވިދާނެއެވެ.

ގުޅުން ބަދަހިވުން:

އުފާވެރި ކުލަތަކުގެ ސަބަބުން އެކަކު އަނެކަކުގެ ގުޅުން ބަދަހި ކުރުމަށް އެހީތެރިކަން ލިބުމާ އެކު ސިކުނޑި ތާޒާވުމަށް މަގުފަހިކޮށްދެއެވެ. ރަހުމަތްތެރިންނާއިއެކު، ޢާއިލާޔާއެކު އަދި ލޯބިވެރިންނާއިއެކު ހިތްހަމަޖެހޭ ކުލައެއް އެކުލެވޭ މާހައުލެއްގައި ވަގުތު ހޭދަކުމަށް ފަސޭހަވެއެވެ. އަދި މިފަދަ ވަގުތުތަކުގައި ކުރެވޭ އިޙްސާސްތައް އުފާވެރިއެވެ.

މި ސަބަބުތަކަށްޓަކައި، ތިމާ ދިރިއުޅޭ މާހައުލުގައިވާ ކުލަ، އުފާވެރި ކުލަޔަކަށް ބަދަލުކޮށްލުމަކީ ހިތަށާއި ހަށިގަނޑަށް ހީވެސް ނުކުރާފަދަ އެދެވޭ ބަދަލުތަކެއް އަތުވެދާނެ ކަމެކެވެ. ގޭތެރޭގެ މާހައުލާއި، މަސައްކަތުގެ މާހައުލު، ރެސްޓޯރަންޓް ތަކާއި ކިޔަވައިދޭ މާހައުލުތަކުގައި އުފާވެރި ކުލަތައް އެކުލެވޭނެހެން ފަރުމާކޮށްލުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެދެވޭ ބަދަލެއް ގެނުވައިދީފާނެ ކަމެކެވެ.

comment ކޮމެންޓް