އަނެއްކާ ވެސް އާ އަހަރަކާ ކުރިމަތިލަނީއެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު އެ މަސް ނިމުމުން، ފެށޭ އާ އަހަރަށް ކުރަން ބޭނުންވާ ކަންކަން ނިންމާ ކަނޑައެޅުމަކީ ވަރަށް ގިނަ ބަޔަކު އާދަވެގެން ކުރާ ކަމެކެވެ.
އަހަރެއް ފާއިތުވެ ނިމިގެން ދާއިރު އެ އަހަރު ތެރޭ ކުރަން ނިންމި ކަންކަން ނުވެ ހުރުމުން އެކަމާ މާޔޫސްވުމުގެ ބަދަލުގައި ފެށޭ އާ އަހަރު އާ ހިތްވަރަކާ އެކު ހާސިލުކުރަން ބޭނުންވި ކަންކަން ފުރިހަމަކުރުމަށް ގަދައަޅައި މަސައްކަތްކުރާ މީހުން ވެސް އަޅުގަނޑުމެންގެ ތެރޭ މަދެއް ނޫނެވެ.
'ފްރެޝް ސްޓާޓް'ގެ ނަމުން ސައިންވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އާ އަހަރު ހާސިލުކުރަން ބޭނުންވާ ގިނަ ކަންކަން މުޅީން އާ ފެށުމަކުން ފެށުމަކީ އެ ކަންކަން ހާސިލުކުރުމަށް އަމިއްލަ ނަފުސަށް ދެވޭ އިތުރު ބާރެކެވެ.
އެމެރިކާއަށް ނިސްބަތްވާ ލިޔުންތެރިޔާ އަދި ސައިކޮލޮޖިކަލް ރިހިބެލިޓޭޝަން ސްޕެޝަލިސްޓެއް ކަމަށްވާ ކެންޑްރާ ޗެރީ ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 55 އިންސައްތަ މީހުންނަކީ އާ އަހަރަށް ކަނޑައެޅި އަމާޒަށް ހާސިލުވުމުގައި ދެމިތިބެ އެކަން ކާމިޔާބު ކުރެވުނު މީހުންނެވެ.
ކެންޑްރާ ޗެރީ ދެކޭގޮތުގައި އާ އަހަރު ހާސިލުކުރާނެ ކަންކަން ކަނޑައަޅާއިރު ތިމާއަށް އެކަމެއް ހާސިލުކުރެވިދާނެ ކަމުގެ ޔަގީންކަން އޮންނަ ކަމެއް ކަނޑައެޅުން ވަރަށް މުހިއްމެވެ.
ހުވަފެނީ ދުނިޔެއެއްގައި ހުރެގެން ކަންކަން ނިންމާނަމަ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ގިނަ ފަހަރު ވުމުގެ ބަދަލުގައި ވަކި ހިސާބަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭކަމަށް ވެސް ކެންޑްރާ ވަނީ ބުނެފައެވެ.
އެހެންކަމުން ހަގީގަތާ ކުރިމަތިލާން ދަސްކޮށް ބޭނުންވާ ކަންކަން ލިސްޓުކުރުމަށްފަހު ކޮންމެވެސް އެއް ކަމަކަށް ފޯކަސްކޮށް އެކަމަކަށް މަސައްކަތް ކުރުން އެދެވިގެންވާ ކަމަށް ކެންޑްރާ ބުނެފައިވެއެވެ.
އާ އަހަރަށް ކަންކަން ކަނޑައަޅާއިރު އެކަމަށް ޚާއްސަ ޖާނަލްއެއް ގެންގުޅުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް މި ލިޔުމުގައި ބުނެފައިވެއެވެ.
މި ޖާނަލްގައި ލިޔަންވާނީ ހަމައެކަނި ތިމާއަށް ކާމިޔާބު ކަމާއެކު ހާސިލްވާ ކަންކަން ނޫންކަމަށާއި އާ އަހަރުގެ ރިޒޮލިއުޝަންގައި ދިމާވާ ހިތި ތަޖުރިބާތައް ވެސް ލިޔެލުމަކީ ކުރިމަގުގައި އެކަންކަން ކާމިޔާބުކުރުމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ކެންޑްރާ ރެޗް ވަނީ ބުނެފައެވެ.