3000 ފަސިންޖަރުންނާއެކު އަންނަ ކުރޫޒް ލައިނާއަކުން މާލެއަށް ޓޫރިސްޓުން ބޭލޭނެ ގޮތެއް ނެތިފައި

މާލެ ކައިރީގައި މަޑުކޮށްފައި އޮތް ކޮސްޓާ ވިކްޓޯރިއާ ކްރޫޒްލައިނަރު -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ތިން ހާސް ފަސިންޖަރުންނާއި 800 ކުރޫއިންނާއެކު، މާލެ އަންނަ ކްރޫޒްލައިނާއަކުން މާލެއަށް ޓޫރިސްޓުން ބޭލޭނެގޮތެއް މިވަގުތު ނެތް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންސީ (މާޔާ) އިން ފާޅުކޮށްފިއެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ 'އައިޑާ ބެލާ' ކުރޫޒް ލައިނާއެވެ. އެއީ މި ސީޒަންގައި ރާއްޖެ އަންނަ އެންމެ ފުރަތަމަ ކްރޫޒްލައިނާއެވެ.

ކުރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުން މާލެއަށް ބާލަމުން އަންނަނީ ރަސްމީ ފާލަން ސަރަހައްދުގައި ވަގުތީ ގޮތުން ހަމަޖައްސާ އިންތިޒާމުތަކެއްގެ ތެރެއިންނެވެ. ނަމަވެސް މި ފަހަރު އެ ސަރަހައްދު ދެވެން ނެތްކަން އެމްއެންޑީއެފްއިން މިހާރު ވަނީ މާޔާއަށް އަންގާފައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމަތު ހިއްސާކުރައްވަމުން މާޔާގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއް ނަންބަރު ޖެޓީއަށް ފަތުރުވެރިން ބޭލުމުގެ ހުއްދަ، އެމްއެންޑީއެފުން ނުދިނުމުގެ ސަބަބުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އާ ރައީސް ހުވާކުރައްވާތީ 'ސެކިއުރިޓީ ރީޒަންސް' ގެ ސަބަބުން އެ ހުއްދަ ނުލިބެނީ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިވަގުތު މާލޭގައި އެހާ ބައިވަރު ފަތުރުވެރިން ބާލާނެ އެހެން ދިމާލެއް ނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މި ކްރޫޒްލައިނާ މާލެ މި އަންނަނީ ދެ ދުވަހަށް ކަމަށެވެ. އެއީ އަންނަ މަހުގެ 6 އިން 7 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން އެ ސަރަހައްދު ބޭނުންވާނީ އެންމެ ދެދުވަހަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ސަރުކާރުން މި ދެ ދުވަހަށް ކޮންމެވެސް ކަހަލަ އެރޭންޖްމަންޓެއް ހައްދަވައިދެއްވުމަށް ވަރަށް ބޮޑަށް އެދެން. އެ ނޫން ސަރަހައްދެއް ނެތް މާލެއަށް ޓޫރިސްޓުން ބޭލޭނެ،" ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައިވެސް އެ ސަރަހައްދަށް ފަތުރުވެރިން ބޭލުން ވަނީ ވަކި ހިސާބަކުން މަނާ ކޮށްފައެވެ. އެއަށްފަހު މަސްވެރިންގެ ޕާކާ ދިމާލަށް އޭރު ފަތުރުވެރިން ބޭލޭނެ ގޮތް ފަހުން ހަމަޖައްސައިދިނެވެ. ނަމަވެސް އެ ސަރަހައްދު ފަތުރުވެރިންނަށް ރައްކާތެރި ނޫން ކަމަށް މާޔާއިން ދިޔައީ ބުނަމުންނެވެ. ފަހުން ޖުމްހޫރީ މައިދާން ސަރަހައްދަށް ޓޫރިސްޓުން ބޭލުމުގެ ހުއްދަ ދިނީ މި ސަރުކާރުންނެވެ.

comment ކޮމެންޓް