މައުލޫމާތު ނުދޭތީ ކަމަށް ބުނެ އެސްޓީއޯގެ ވެރިން މަޖިލީހަށް ހާޒިރު ކުރަނީ

އެސްއޯއީ ކޮމެޓީގެ މުގައްރިރު އަޙްމަދު އީސާ-- ފޮޓޯ: މަޖިިލިސް

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯގެ) ވެރިން ހާޒިރުކުރުމަށް މިއަދު ފާސް ކޮށްފިއެވެ.

އެސްއޯއީ ކޮމިޓީން މި ނިންމުން ނިންމީ، އެ ކޮމިޓީއަށް ހުށަހަޅައިފައިވާ އެސްޓީއޯގެ މައްސަލަތަކެއް ބެލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އެކި ފަހަރުމަތިން އެދުމުންވެސް އެ ކުންފުނިން އެ މައުލޫމާތު ފޮރުކޮށްދީފައި ނުވާތީ ކަމަށް ބުނެއެވެ.

އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްފައިވަނީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފޮނުވައިދެއްވުމަށް އެދި އެސްޓީއޯއަށް ފޮނުވި ސިޓީތަކަށް ޖަވާބުދީފައި ނުވާ މައްސަލައެވެ.

މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުގައްރިރު އަޙްމަދު އީސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ބޭނުންވާ މައުލޫމާތެއް ފޮރުކޮށްދޭން އެދުމުން އެ މައުލޫމާތެއް ދޭން ޖެހޭނެ ކަމަށެވެ. ހަމައެކަނި ހިފެހެއްޓޭނީ ގާނޫނަކުން ނުދޭން ލާޒިމުކުރާ ފަދަ މައުލޫމާތެއް އެކަނި ކަމަށް އީސަ ވިދާޅުވިއެވެ.

މި މައްސަލާގައި އެސްޓީއޯގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅާފައިވަނީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމްއެވެ. އޭނާގެ މި ހުށަހެޅުން ގިނަ އަދަދެއްގެ މެންބަރުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.

ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރާއި ފްރޮކިޔުމަންޓް ހެޑާއި މެޑިކަލް ޑިޕާޓްމަންޓްގެ ވެރިންނެވެ.

comment ކޮމެންޓް