ޣައްޒާއަށް ތެޔޮ ނުދެނީ ހަމާސްއިން ވަގަށް ނާގާނެތީ: އިސްރާއީލް

އިސްރާއީލުން ބޮން އަޅާފައިވާ ސަރަހައްދަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ ފޮޓޯ/އަލްމަޔާދީން

ޣައްޒާއަށް ތެޔޮ އެތެރެކުރަން ހުއްދަ ނުދެނީ ހަމާސްއިން ތެޔޮ ވަގަށް ނަގާނެތީ ކަމަށް އިސްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެޑްވައިޒަރު މާކް ރޭގެވް ވިދާޅުވެއްޖެއެވެ.

އިސްރާއީލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމައިގައި ނިކަމެތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު މިދިޔަ ހޮނިހިރު އިސްރާއީލުން ދީފައި އޮތް ނަމަވެސް، ޣައްޒާއަށް ތެޔޮ އެތެރެކުރުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ.

ހޯމަ ދުވަހު ސީއެންއެންއާ ވާހަކަ ދައްކަވަމުން ރޭގެވް ވިދާޅުވި ގޮތުގައި ހަމާސްއިން ވަގަށް ނަގާނެތީ ޣައްޒާއަށް ތެޔޮ ނުވައްދާން ނިންމި ނިންމުމަކީ ސަރުކާރުގެ ނިންމުމެކެވެ. އެ ތެޔޮ ހަމާސް އިން ބޭނުންކުރާނީ ހަމަލާތައް ދިނުމަށް ބޭނުންކުރާ ރޮކެޓްތަކަށް ކަރަންޓު ދިނުމަށް ކަމަށްވެސް ރެގެވް ވަނީ ތުހުމަތުކޮށްފައެވެ. އަދި ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިތިބި މީހުން ދޫކޮށްލި ނަމަވެސް ޣައްޒާއަށް ތެޔޮ އެތެރެނުކުރެވޭނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލާނީ ހަމާސްއިން ފެށި "އަގްޞާ ފްލަޑް" އޮޕަރޭޝަންގައި އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ދޫކޮށްލުމުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހޯމަ ދުވަހު ވިދާޅުވެފައިވާ ކަމަށް އަލްމަޔާދީން ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ މިވަގުތަށް ފޯރުކޮށްދެމުން އައި ނަމަވެސް، އެހީ ލިބުން ދެމިގެންދާނީ ކިހާ ދުވަހަކަށްކަން ކަށަވަރެއް ނޫނެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް އަދިވެސް ހުއްޓުމެއް އައިސްފައިނުވާއިރު، ރައްޔިތުންގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.

އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 5000 ން މަތިވެފައެވެ.

ޣައްޒާއަށް އެހީ ހިފައިގެން މިހާތަނަށް 49 ޓްރަކް ވަދެފައިވާއިރު، މިދިޔަ ހަފުތާވެސް 1000 ޓަނުގެ އެހީ ހިފައިގެން 100 އެއްހާ ޓްރަކް ޣައްޒާއާއި މިސްރު ގުޅޭ ރަފާ ބޯޑަރު ކައިރީގައި ނުވަދެވިފައި އޮތް ކަމަށް އަލްމަޔާދީންއިން ރިޕޯޓުކުރެއެވެ.

ޣައްޒާއަށް ތެޔޮ ނުވެއްދޭނެ ކަމަށް އިސްރާއީލުން ބުނަމުންދާއިރު، އެ ސިޓީގެ ހޮސްޕިޓަލްތަކުން ތެޔޮ ހުސްވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޒަހަމްވެފައިވާ މީހުންނާއި ފުރާނާއަށް ނުރައްކާވާ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އެތައް ބަޔަކު ހޮސްޕިޓަލްތަކުގައި އެބަ ތިއްބެވެ.

ޣައްޒާއަށް ތެޔޮ ފޯރުކޮށްދޭން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދްނޮމްވެސް ވަނީ އިސްރާއީލަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް