ފ. މަގޫދޫގައި އެއާޕޯޓު އަަޅައި ސަރަހައްދަކީ ވަކި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅައި އެ ސަރަހައްދު މަގޫދޫ ކައުންސިލްގެ އިހްތިޞާސުން އުނިކޮށްފިއެވެ.
މިގޮތަށް ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ކައުންސިލުގެ އިހްތިޞާސްގެ ތެރޭގައި ކަނޑައަޅައިފައިވާ ސަރަހައްދުގެ ރިސޯޓެއް ނުވަތަ، އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ނަމަ އެ ތަނެއް ކައުންސިލްގެ އިހްތިޞާސުން އުނިވާނެއެވެ. އެހެންކަމުން އެއާޕޯޓު ސަރަހައްދު މަގޫދޫއިން މިހާރު އެ އުނިވީއެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ، ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި، ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ. އަދި އެތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް، ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީ ކުރާނެއެވެ.
"ރާއްޖޭގައި އޮތް ރީޖަނަލް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް އެއާޕޯޓަށް މި އެއާޕޯޓު ވެގެންދާނެ. އަދި އޭގެއިތުރުން، ޖެޓްތަކުގައި އަންނަ ފަޅުވެރިން، ކްރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް، މި ރަށުގައި އެއާޕޯޓާ އެކީގައި ޤާއިމުކުރުމަށް ވެސް އަޅުގަނޑުމެން ވަނީ ނިންމާފައި" މީގެ ކުރިން މަގޫދޫ އެއާޕޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ.
މަގޫދޫ އެއާޕޯޓް ތަރައްގީކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
މަގޫދޫ އެއާޕޯޓު މަސައްކަތަށް އެ ރަށުގެ ފަޅުން ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީންނެވެ. 30.8 ހެކްޓަރުގެ ބިން އެއާޕޯޓަށް ހިއްކިއިރު އެހެނިހެން ބޭނުމަށް 17 ހެކްޓަރުގެ ބިން ހިއްކާނެއެވެ.