މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފި

މަގޫދޫ އެއާޕޯޓު މަޝްރޫގެ ތެރެއިން: މަގޫދޫ ކައުންސިލުން ބުނީ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް --- ފޮޓޯ/ގޫގުލް

ފ. މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް އަލުން މަސައްކަތްކުރަން ފަށައިފިއެވެ.

މީގެ ކުރިން ވެސް މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓު މަސައްކަތް ހުއްޓިފައި އޮތުމުން އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ މަސައްކަތް ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުއެވެ.

"ސަން"އަށް މައުލޫމާތުދެމުން މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ, އެއާޕޯޓުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިވަގުތު އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓުތައް ވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާޕޯޓު ޓާމިނަލްގެ ރޫފް ވެސް ނިމިފަ ހުރީ. ދެން ހުރީ އެތެރޭގެ މަސައްކަތްތައް ކުރަން. ފަޔާ ބިލްޑިން ވެސް މިހާރު ނިމެނީ ފިނިޝިންގެ މަސައްކަތްތައް އެ ކުރަނީ ދެން،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އަބްދުﷲ ވަހީދު ވިދާޅުވީ ގޮތުގައި މި އަހަރުތެރޭ އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވާނެކަމަށް އެމްޓީސީސީން ބުނެފައިވާ ކަމަށާއި ކައުންސިލުން ވެސް އުންމީދުކުރަނީ މިއަހަރުތެރޭ އެއާޕޯޓު ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މިދިޔަ މާޗު މަހު އަބްދުﷲ ވަހީދު ވިދާޅުވީ އެ ރަށުގައި ގާއިމުކުރަމުންދާ އެއާޕޯޓު މަސައްކަތް ހުއްޓިފައި އޮތީ ސިޔާސީ ގޮތުން ބަޔަކު ކުރަމުންދާ ނުފޫޒެއްގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ، ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި، ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ.

އަދި އެ ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް، ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީ ކުރާނެއެވެ.

މަގޫދޫ އެއާޕޯޓް ތަރައްގީކުރަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

comment ކޮމެންޓް