ފިލްމު 'ތޭޖަސް'ގެ ހާއްސަ ސްކްރީނިންގައި ޑިފެންސް މިނިސްޓަރު

ފިލްމު "ތޭޖަސް"ގެ ޚާއްސަ ސްކްރީނިންގް ޙަފްލާގެ ތެރެއިން

މި މަހުގެ 27 ގައި ސިނަމާ ތަކަށް ގެންނަން ނިންމާފައިވާ ބަތަލާ ކަންގަނާގެ ފިލްމު "ތޭޖަސް"ގެ ހާއްސަ ސްކްރީނިންގް އެއް އިންޑިއާގެ ޑިފެންސް މިނިސްޓަރާ އެކު ބާއްވައިފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނަތު ސިންގް އާއެކު އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރާ ގިނަ އޮފިސަރުން ތަކެއް ބައިވެރިވި މި ފިލްމުގެ ޚާއްސަ ސްކްރީނިންގް ޙަފްލާ ބާއްވާފައި ވަނީ ވެރިކަން ކުރާ ނިއު ދިއްލީގައެވެ.

މުމްބާއީ އެއާޕޯޓުގައި ހުރެ ބަތަލާ ކަންގަނާ ނޫސްވެރިންނަށް ދިން ބަސްދީ ގަތުމެއްގައި ބުނީ ޑިފެންސް މިނިސްޓަރާ އެކު ފިލްމުގެ ޚާއްސަ ސްކްރީނިންގް އެއް ބޭއްވުމަށް ނިންމި ކަމަށާއި އެ ޙަފްލާގެ ކަންތައް ރަނގަޅަށް ދިއުމަށް އެދޭ ކަމަށެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލްއިން ކަންގަނާ ފެންނަ "ތޭޖަސް" އަކީ، އިންޑިއާގެ ވައިގެ އަސްކަރިއްޔާގައި މަސައްކަތް ކުރާ ޕައިލެޓުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއެކު އެ ޕައިލެޓުން އަމިއްލަ ޤައުމުގެ ސަލާމަތްޓަކައި ވަރުބަލި ކަމެއް ނެތި ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމަކީ، 2019 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އުރީ: ދަ ސަރޖިކަލް ސްޓަރައިކް"ގެ ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ އުފެއްދުމެކެވެ. އެހެންވެ މި ފިލްމާމެދު ކަންގަނާގެ އިތުރުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކުރާ އުއްމީދުތައް ވެސް ބޮޑެވެ.

ފިލްމު "ތޭޖަސް"ގެ ޓްރެއިލާގެ މަންޒަރެއް

ކަންގަނާގެ ފިލްމެއް ސިނަމާ ތަކަށް އަންނަން ތައްޔާރުވެފައި ވާއިރު މި ދިޔަ މަހު ރިލީޒްވި ބަތަލާގެ ފިލްމު "ޗަންދްރަމުކީ2" މި އަންނަ ބުރާސްފަތި ދުވަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާނެއެވެ.

މި ފިލްމަކީ، 2005 ވަނަ އަހަރު ރިލީޒްވި ތަމަޅަ އެކްޓަރު ރަޖްނީކާންތުގެ "ޗަންދުރަމުކީ"ގެ ސީކުއަލް އެކެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި ރިލީޒް ކުރުމަށް ނިންމާފައިވާ ކަންގަނާގެ ފިލްމު "އިމަޖެންސީ" ރިލީޒް ކުރުން ލަސްކުރަން ނިންމި ކަމަށް ބަތަލާ ދާދިފަހުން އިއުލާނު ކުރިއިރު މި ފިލްމަކީ، ބެލުންތެރިން ވަރަށް އިންތިޒާރު ކުރި ފިލްމެކެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލްއިން ބަތަލާ ފެންނަ ފިލްމު "އިމަޖެންސީ" ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް