ކަޅަކި ފިލްމުގެ އާމްދަނީން 40،000 ރުފިޔާ ފަލަސްތީނަށް

ކަޅަކި ފިލްމުގެ ޕޯސްޓަރެއް

މިހާރު އޮލިމްޕަހުގައި ދައްކަމުންދާ ބިރުވެރި ފިލްމު ކަޅަކިއަށް ލިބުނު އާމްދަނީއިން 40،500 ރުފިޔާ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

މަގުބޫލު ބަތަލާ ނިއުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް"އިން ތައްޔާރުކުރި ބިރުވެރި ފިލްމު ކަޅަކި އަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި ތަރިންތަކަކާއެކު ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ފަހު ޝޯ މިރޭ ދެއްކުމަށް ހަމަޖެހިފައިވާއިރު މި ފިލްމު ދައްކަން ފަށާފައިވަނީ މި މަހުގެ ކުރީ ކޮޅުގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ނިއުޒޯ ސްޓޫޑިއޯއިން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު އެޅުވި ޝޯގެ އާމްދަނީ އެއްކޮށް ފަންޑަށް ހަދިޔާ ކުރާނެ ކަމަށެވެ.

މި ފިލްމަށް އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކަން ނިއުމާ ފާހަގަކޮށްފައިވެއެވެ. އަދި ހާއްސަކޮށް ބިރުވެރި ފިލްމަށް އޮތް ޑިމާންޑު މި ފިލްމާއެކު ނިއުމާއަށް އެނގިގެން ދިޔަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އެ ކާމިޔާބީއަށް ބަލައި ޕްރޮޑަކްޝަނުން ވަނީ އަނެއްކާ އާ ބިރުވެރި ފިލްމެއް އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް