ކައުންސިލް ރައީސްގެ ފަހަތުން ފުޅަދޫގެ ގިނަ ބަޔަކު ޕީއެންސީއަށް

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އެ ރަށަށް ވަޑައިގަތުމުން ރަށުގެ ބަޔަކު މަރުހަބާ ދަންނަވަނީ --

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު އެމްޑީޕީ ދޫކޮށް، މި މަހު 15ގައި ޕީއެންސީއަށް ސޮއި ކުރެއްވުމާ އެކު އެ ރަށުގެ ގިނަ ބަޔަކު ޕީއެންސީއާ ގުޅެން ފަށައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ގަބޫލުކޮށް، ފުޅަދޫއާއި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވެ، އަޒުހަރު ޕީއެންސީއަށް ސޮއި ކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއަށް ފަހު، އޭނާ އެނބުރި ރަށަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

މިއަދު "ސަން"އާ ވާހަކަދައްކަވަމުން އަޒުހަރު ވިދާޅުވީ، ޕީއެންސީއާ ގުޅުމަށް ފަހު ރަށަށް ދިއުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި، ވަރަށް ގިނަ މީހުން އެ ނިންމުމަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

"އަޅުގަނޑު ރަށަށް އައުމާ އެކު، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށް ދަނީ. ހަމަ މުޅި ރަށް ކަހަލަ ގޮތަކަށް ޕީއެންސީއާ ގުޅެމުން އަންނަނީ،" އޭނާ ވިދާޅުވިއެވެ.

ބ. ފުޅަދޫ ކައުންސިލްގެ ރައީސަށް އެ ރަށު މީހުން މަރުހަބާ ކިޔަނީ --

އެކަމަކު، އެ ރަށުން އަލަށް ޕީއެންސީއާ ގުޅުނީ ސީދާ ކިތައް މީހުން ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ، އެނބުރި ރަށަށް ދިއުމުން ވަރަށް ހޫނުކޮށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. މުޅި ރަށް އެއްކޮށް އޮތީ ޕީއެންސީގެ އާ ސަރުކާރާ އެކު ކަމަށް އަޒުހަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފުޅަދޫއިން ޕީއެންސީއަށް އެހާ ބޮޑު ތަރުހީބު ލިބެނީ އިންތިޚާބީ ރައީސްގެ ސިޔާސަތުތަކާއި ވައުދުފުޅުތަކުން އުންމީދީ ތަސައްވުރެއް ލިބޭތީ ކަމަށް ގަބޫލުކުރައްވައި ކަމަށެވެ.

https://sun.mv/183189

"ތަރައްގީ ގެނައުމުގައި މުއިއްޒު ފަހަތްޕުޅަށް އެރުމުން ލިބޭނެ ކަމުގެ ޔަގީންކަން އޮތީމާ ކަމަށް އަޅުގަނޑުމެން މި ބަލަނީ މިހާ ބޮޑު ތަރުހީބެއް ފުޅަދޫން ލިބެނީ. އަޅުގަނޑުމެން ވެސް ބަދަލުވުމާ އެކު މުޅި ރަށުގެ ރޫހު ބަދަލުވެގެން ދިޔައީ،" އޭނާ ވިދާޅުވިއެވެ.

އަޒުހަރު ވިދާޅުވީ، ފުޅަދޫ ރައްޔިތުންނަކީ އަބަދު ވެސް ވަރަށް އެކުވެރިކަމާ އެކު ރަށުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެ ކަމަށްޓަކައި ފުޅަދޫގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ތުޅާދޫ ދާއިރާގައި ހިމެނޭ ފުޅަދޫއަކީ 240 އެއްހައި މީހުންގެ އާބާދީ އޮންނަ ރަށެކެވެ.

comment ކޮމެންޓް