ފުޅަދޫ ކައުންސިލްގެ ރައީސް އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބ. ފުޅަދޫ ކައުންސިލްގެ ރައީސް -- ފޮޓޯ/ އެލީޒް

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު އެމްޑީޕީ ދޫކޮށް، ޕީއެންސީއާ މިއަދު ގުޅިއްޖެއެވެ.

މީގެ ކުރިން އެމްޑީޕީގައި ހުންނެވި އަޒުހަރު މިއަދު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެ ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، "ސަން"އާ ވާހަކަދައްކަވަމުން އަޒުހަރު ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރަން ނިންމީ އާ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރެވި، ދާއިރާއާއި ފުޅަދޫގެ ރައްޔިތުންގެ ކުރިމަގަށްޓަކައި ކަމަށެވެ. އަދި، އުފެދޭ ސަރުކާރުގައި އެ ދާއިރާއާއި ރަށަށް މާ ބޮޑަށް ކުރިއެރުން ލިބިގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސްގެ ފަރާތުން ވަރަށް އުންމީދީ ވާހަކަތަކެއް އިވިގެން ދިޔައީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ޒައާމަތުގައި މާ ބޮޑަށް ތަރައްގީގެ ކަންތައްތައް ފެނިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު -- ފޮޓޯ/ އެލީޒް

އަޒުހަރު ވިދާޅުވީ، ޕީއެންސީއާ އެކު ދާއިރާއާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، މުއިއްޒުގެ ސަރުކާރުގައި މާ ގިނަ، މާ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު 30ގައި އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު މިހާރު ގެންދަވަނީ އިންތިގާލީ މަރުހަލާގެ ކަންކަން ކުރައްވަމުންނެވެ. އެގޮތުން، ސަރުކާރު އެކުލަވައިލުމާއި އަދި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އިންތިޚާބީ ރައީސް ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

comment ކޮމެންޓް