ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ކަރުދާސްތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުން ދޭހަވަނީ، އެ ކުންފުނިން ގޯސްތަކެއް ހަދައި ފޮރުވަން އުޅޭކަން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލްޔާސް ވިދާޅުވީ ބައެއް ކުންފުނިތަކުގައި ހުރި ލިޔެކިޔުންތައް ތިލަފުއްޓަށް ގެންގޮސް ކޮންކްރިޓް މެޝިނަށް އަޅައި، ނައްތާލާ ވާހަކައާއި އޮފީސްތަކުގައި ހުރި ސަރުކާރުގެ ލިޔެކިޔުންތައް ޕިކަޕުތަކަށް އަރުވައިގެން ގޮސް ނައްތާލާ ވާހަކަ މިހާރު މީޑިއާތަކުން ފެންނަ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ޑޮކިއުމެންޓެއް ޓްރާންސިޝަނަލް ޕީރިއަޑްގައި ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން، ނައްތާލައިގެން ވެސް ނުވާނެ އަދި ދެން އަންނަ ސަރުކާރަކުން ބަލަން ބޭނުންވެއްޖެއްޔާ ޑޮކިއުމެންޓުތައް ފެންނަ ހިސާބުގައި އޮންނަން ވެސް ޖެހޭނެ،" ދަ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވާއިރު އެއް ސަރުކާރުން އަނެއް ސަރުކާރަށް އަމާނާތްތެރިކަމާއެކު ލިޔެކިޔުންތައް ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ބަލަންޖެހޭ ހާލަތުގައި ބެލެން ހުންނަން ޖެހޭނެ ކަމަށާއި އެއީ އޮޑިޓަކަށް ނުވަތަ ތަހުގީގަކަށް ނުވަތަ ކުންފުނި އިތުރަށް ކުރިއަރުވަން ކަމަށްވީ ނަމަވެސް، އެފަދަ ލިޔެކިޔުން ހުންނަން ޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"މިވަގުތު ޓްރާންސިޝަން ޕީރިއަޑްގައި އެކަން ކުރަން [ލިޔެކިޔުން ނައްތާލަން] ފެށީމަ އަޅުގަނޑުމެންނަށް ސާފުވޭ، ގަބޫލުކުރެވޭނެ ސަބަބުތައް އެބަހުރި ކޮންމެވެސް ގޯސްތަކެއް ހަދާފަ އޮތީކަން އަދި އެ ގޯސްތައް ފޮރުވަން މަސައްކަތް ކުރާކަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތެއް ނޫން،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އެ ވާހަކަ ދެއްކެވީ އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
އިލްޔާސަށް ރައްދުދެއްވައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް ވަނީ އިލްޔާސަކީ 2018 ވަނަ އަހަރު އެކުލަވާލި ޓްރާންސިޝަނަލް ކޮމިޓީގައި ހިމެނިވަޑައިގެންނެވި މެންބަރެއް ކަމަށާއި އޭރު އޮތް ސަރުކާރުން ވެސް "ލިޔެކިޔުންތައް އެންދުމުގެ" ވާހަކަ އިލްޔާސް ދެއްކެވިކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމިޓީގެ މުގައްރިރު ކަމުގައި އިލްޔާސް ހުންނެވި ނަމަވެސް މައްސަލަތައް ބައްލަވާފައި ނުވާ ކަމަށާއި އެގޮތުން 2008 ވަނަ އަހަރު އުފައްދާފައިވާ ސަދަން ޔުޓިލިޓީ ކުންފުނީގެ މައްސަލަތަކެއް ނުބަލާތީ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"[އެ ކުންފުނީގައި ތިބީ] ކޮން ބައެއްތޯ ބެލިއިރު [އިލްޔާސްގެ] އާއިލާ މެންބަރުން އެ ކުންފުނިތަކުގައި ވެސް ތިބީ. އެއްބަނޑު އެއްބަފާ ބޭބެ އެމްޑީއަކަށް ހުންނެވީ. ދެން އެ ހަދަން ހުރި އެއްވެސް ކަމެއް ހެދި ރަނގަޅަށް ކަންވެފަކާއެއް ނެތް. އެހެންވީމަ ލާރި ހުސްވެ ކަންކަން ނުވެފަ ހުރި އޮފީސްތައް ހުރީ ކޮން ސަރުކާރެއްގައި ކޮން އަހަރެއްގައިތޯ އެއީ އަޅުގަނޑުމެން ހިމެނި ބަލަން ޖެހޭ ކަމެއް،" ޝަހީމް ވިދާޅުވިއެވެ.
ދަ ޑިމްކޮރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ސަދަން ޔުޓިލިޓީ ކުންފުންޏަށް އައްޑޫގެ މުހިންމު މަޝްރޫއުތަކެއް ހަވާލުކޮށް، ގިނަ އަދަދަކަށް ފައިސާ ދިން ނަމަވެސް އެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ މީގެ ކުރިން ވެސް އެމްޑީޕީން ފާޑު ކިޔާފައިވެއެވެ.
ސިމެންތި ގަށާ މެޝިނަކުން ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ވީޑިއޯ ނެގި އެފްއެސްއެމްގެ މުވައްޒަފު މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.
އެ ވީޑިއޯކުރީ އެ ކުންފުނީގެ ޓެކްނީޝަން އަހުމަދު އަނީސެވެ. އޭނާ ވިދާޅުވީ އާންމުކޮށް ވެސް ކުންފުނީގެ ހެޑު އޮފީހުން ބޭނުން ނުވާ ބައެއް ލިޔުންތައް ނައްތާލާ ކަމަށާއި ނަމަވެސް މިފަދަ ގޮތަކަށް، ޚާއްސަކޮށް އިންތިގާލީ މަރުހަލާއެއް ހިނގަމުން އަންނައިރު އެ ފަދަ ކަމެއް ކުރުމުގައި ގޯހެއް އުޅޭކަމަށް އޭނާއަށް ޝައްކުކުރެވޭ ކަމަށެވެ.