އިންޓަ މަޔާމީއާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބާއެކު ހޯދުނު ކާމިޔާބީތަކާ މެދު ހިތްހަމަޖެހޭ ކަމަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.
މިދިޔަ ސީޒަނަށްފަހު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު، މިދިޔަ ޖޫން މަހު އެމެރިކާގެ އިންޓަ މަޔާމީއާ މެސީ ގުޅުން ވެގެންދިޔައީ ހައިރާންކުރަނިވި ކަމަކަށެވެ.
އުމުރުން 36 އަހަރުގެ މެސީއަށް އިންޓަ މަޔާމީއާ ކުޅުމެއް ދެއްކިދާނެ ބައެއް ފަރާތްތަކުން ސުވާލުތައް އުފެއްދި ނަމަވެސް، އެ ކްލަބުގައި ކެޕްޓަން ބޭންޑުގައި ކުޅެ، މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އިންޓަ މަޔާމީއަށް ކުޅުނު 14 މެޗުން 11 ގޯލު ކާމިޔާބުކޮށްދިން މެސީ ވަނީ އެ ކްލަބަށް ލީގު ކަޕް ކާމިޔާބުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.
މެސީއާއެކު ކުޅުނު މެޗުތަކުގައި އިންޓަ މަޔާމީން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް, އޭނާއަށް އަނިޔާވުމާއެކު އެ ކްލަބުގެ ނަތީޖާތަކަށް ވެސް ވަނީ އެކަމުގެ އަސަރުކޮށްފައެވެ. މެސީ ދެކޭގޮތުގައި މިސީޒަނުގައި އިންޓަ މަޔާމީން ހޯދީ ރަނގަޅު ކާމިޔާބީތަކެކެވެ.
"މިސީޒަނުގައި ހޯދުނު ހުރިހާ ކާމިޔާބަކާ މެދު އަހަރެން ފަހުރުވެރިވޭ. އެންމެންގެ މަސައްކަތާއެކު ކާމިޔާބުކުރެވުނު ލީގު ކަޕަކީ އިންޓަ މަޔާމީގެ ތާރީހުގައި ހޯދުނު ފުރަތަމަ ތަށި. ލަމާ ހަންޓް ޔޫއެސް އޯޕަން ކަޕްގެ ފައިނަލަށް ދަތުރުކޮށް، އެމްއެލްއެސްގެ ޕްލޭއޯފްގެ ޖާގައެއް ހޯދުމަށް ވެސް އެންމެ ފަހުވަގުތާ ޖެހެންދެން މަސައްކަތް ކުރެވުނު،" އިންސްޓަގްރާމް ޕޯސްޓެއްގައި މެސީ ބުންޏެވެ.
މެސީ ބުނީ އަންނަ އަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ކުރިއެރުމަށް މަސައްކަތްކުރާނެ ކަމަށާއި އޭނާއަށް ދިން ލޯތްބަށް ހުރިހާ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
އެމްއެލްއެސްގައި ކުޅުނު 34 މެޗުން ލިބުނު 34 ޕޮއިންޓާއެކު އިންޓަ މަޔާމީ އޮތީ އީސްޓަން ކޮންފަރެންސް ތާވަލުގެ 14 ވަނައިގައެވެ. އެހެންކަމުން އެމްއެލްއެސްގެ ފައިނަލް ބުރުން ޖާގައެއް ނުލިބި، އިންޓަ މަޔާމީއަށް ވަނީ ސީޒަން ނިންމާލަން ޖެހިފައެވެ.