ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމުގެ މައިގަނޑު މައުލޫމާތުތައް އާންމުކޮށްފިއެވެ.
އައިފިލްމްސްއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ތިންވަނަ ފީޗާ ފިލްމުގެ މަސައްކަތް ވަނީ ދާދިފަހުން ފަށާފައެވެ. ނަމަވެސް ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އޭރު ހާމަ ކޮށްފައެއް ނުވެއެވެ.
އެންމެފަހުން ވަނީ ފިލްމުގެ ނަމާއި އިތުރު މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން އަލަށް ނެރޭ ފިލްމަށް ކިޔާނީ "ކަންބަޅި" އެވެ. މި ފިލްމު ވެގެން ދާނީ އަނެއްކާ ވެސް އައިފިލްމްސް އިން ނެރޭ ތަފާތު ފިލްމަކަށެވެ. އެގޮތުން މި ފިލްމު ވެގެން ދާނީ ބިރުވެރި ފިލްމަކަށެވެ.
View this post on Instagram
އައިފިލްމްސް އަކީ ބިރުވެރި ފިލްމުތައް ދައްކާލެވޭނެ ފެންވަރު ހުރި ޕްރޮޑަކްޝަނެއް ކަން ވަނީ މީގެ ކުރީން ސާބިތު ކޮށްދީފައެވެ. އެގޮތުން އެކަމުގެ އެންމެ ބޮޑު ހެއްކަކީ ބިރުވެރި އެންތޯލޮޖީ ޝޯ "ބިރުވެރި ވާހަކަ"އެވެ. ތަފާތު އެކި ބިރުވެރި ތީމުތައް ދައްކައިދޭ މި ޝޯއިން އެތައް ބަޔަކު ވަނީ ބިރު ގަންނަވާލާފައެވެ.
ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.
View this post on Instagram
އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރާނީ ޝާހިދު ލެގަސީ އެވެ. އަދި ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރާނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ "އޯކޭޒް އިންކް" އިންނެވެ.
ކަންބަޅި ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ވެސް ދަނީ ކުރިއަށެވެ.