ޑައިރެކްޓަރު ސާޖިދު ނަދިއަދުވާލާ މިހާތަނަށް އުފައްދާނެ އެންމެ ވަރުގަދަ ކޮމެޑީ ފިލްމަށް އެކްޓަރު އަބިޝެކް ބައްޗަން އާއި ޖޯން އަބްރަހަމް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.
މި ފިލްމަކީ ސާޖިދު ނަދިއަދުވާލާގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް"ގެ ފަސް ވަނަ ބައެވެ.
އެކްޓަރު އަކްޝޭ ކުމާރާއެކު އަބިޝެކް ބައްޗަން އަދި ޖޯން އަބްރަހަމް މި ފިލްމަށް ގެނެވިއްޖެ ނަމަ މިއީ ބެލުންތެރިންގެ ހުނުމުގެ އަޑު ސިނަމާ ހޯލް ތަކުން މެދުނުކެނޑި އިވޭނެ ފިލްމަކަށް ވާނެ ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.
އަކްޝޭ ކުމާރާއި ޖޯން އަބްރަހަމް މީގެ ކުރިން ވެސް ވަނީ ފިލްމު "ގަރަމް މަސާލާ" އަދި "ދޭސީ ބޯއިސް" އިން ފެނިފައެވެ. މި ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ދެ ފިލްމެވެ. ހަމަ އެއާއެކު ޖޯން އަބްރަހަމް އާއި އަބިޝެކް ބައްޗަން ކުޅުނު ފިލްމު "ދޯސްތާނާ" އަކީ ވެސް އާއްމުންގެ މެދުގައި މަގުބޫލު ކޮމެޑީ ފިލްމެކެވެ.
މި އަހަރުގެ ޑިސެމްބަރު މަހު "ހައުސް ފުލް 5"ގެ މަސައްކަތް ފަށަން ނިންމި ނަމަވެސް ފިލްމު މަސައްކަތް އަންނަ އަހަރަށް ވަނީ ފަސްކުރެވިފައެވެ. ސަބަބަކީ މި ފިލްމަށް އަބިޝެކް އާއި ޖޯން އަށް ވަގުތު ދެވެން އޮތީ އަންނަ އަހަރު ކަމަށް ވުމުންނެވެ.
އަކްޝޭ އާއި ޕްރޮޑިއުސަރު ސާޖިދު މަސައްކަތް ކުރަމުން އަންނަނީ މި ފިލްމުގެ ކުރީގެ ސީރީސް ތަކުން ފެނިފައިވާ ލީޑް ތަރިންތައް "ހައުސްފުލް 5" ކަށް ގެނައުމަށެވެ. އަކްޝޭ ކުމާރު އާއެކު ކުރީގެ ސީރީސް ތަކުގެ ލީޑް ރޯލް ކުޅެފައިވާ އެކްޓަރު ރިތޭޝް ދޭޝްމުކް ވެސް "ހައުސް ފުލް5" އަށް ގެންނަން ވަނީ ނިންމާފައެވެ. މި ފްރެންޗައިޒް ގެ ފިލްމެއް އެންމެ ފަހުން ރިލީޒް ކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.