ޑައިރެކްޓަރު ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުންޏާއި ރިލަޔަންސް ގުޅިގެން އުފައްދާ ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް" އެމޭޒަން ޕްރައިމް ގައި ސްޓްރީމް ކުރާ ގޮތަށް ނިންމައިފިއެވެ.
ޝިލްޕާ ޝެޓީ، ސިދާތު މަލްހޯތުރާ އަދި ވިވެކް އޮބްރޯއި މުހިއްމު ރޯލްއިން ފެންނަ މި ވެބް ސީރީސް އަކީ، ރޯހިތު ޝެޓީގެ އަމިއްލަ ޑައިރެކްޝަނެކެވެ.
ރޯހިތުގެ ކުންފުނި ކޮޕް ޔުނިވާސްއިން ގެނެސްދޭ މި ސީރީސް އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ 19 އިން ފެށިގެންނެވެ.
މި ވެބް ސީރީސް އަކީ ރޯހިތު ސްޓްރީމިންގް ޕްލެޓްފޯމަކަށް އުފައްދާ ފުރަތަމަ ޑިޖިޓަލް ސީރީސް އެވެ. ސިދާތު މަލްހޯތްރާ އާއި ޝިލްޕާ ޝެޓީ ފުލުހުންގެ ރޯލް ކުޅޭ "އިންޑިއަން ޕޮލިސް ފޯސް" އިން މަޝްހޫރު ޓީވީ ބަތަލާ ޝުވެތާ ތިވާރީ އަދި ނިކިތިން ދީރު ފެންނާނެ ކަމަށް ވެސް ރޯހިތު ވަނީ ތަންކޮޅެއް ކުރިން އިއުލާނު ކޮށްފައެވެ.
ޑައިރެކްޓަރު ރޯހިތު ޝެޓީ މިހާތަނަށް އުފައްދާފައިވާ ގިނަ ފިލްމު ތަކަކީ މުޅިން ވެސް ފުލުހުންގެ ރޯލް އެކުލެވޭ ފިލްމު ތަކެވެ. މި ވެބް ސީރީސް އަކީ ވެސް ފުލުހުންގެ ޒިންމާދާރު ވަޒީފާގައި އެ މީހުން ވާ ގުރުބާނީ ތަކާއެކު ފުލުހުންގެ މަސައްކަތްތައް ދައްކުވައިދޭނެ ސީރީސްއެއް ކަމަށް ރޯހިތު ވަނީ ބުނެފައެވެ.
އެމޭޒަން ޕްރައިމްއާއެކު ކުރެވުނު މަސައްކަތްތަކާ މެދު މިހާތަނަށް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ޑިޖިޓަލް ޕްލެޓްފޯމް ތަކާއެކު މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ރޯހިތު ބުނެފައި ވެއެވެ.
ރޯހިތު އަންނަނީ އޭނާގެ އެންމެ ކާމިޔާބު ފްރެންޗައިޒް "ސިންގްހަމް"ގެ ތިން ވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އަޖޭ ދޭވްގަން، ދިޕިކާ ޕަދުކޯން އަދި ބަތަލާ ކަރީނާ ކަޕޫރު މުހިއްމު ރޯލްއިން ފެންނަ މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޮގަސްޓް މަހު ތެރޭއެވެ.