މަކުނުދޫގައި ހިނގި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު މާލެ ގެންނަނީ

މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވި ސަރަހައްދު: އެ ގޮވުމާއެކު ދެ މީހެއްގެ ހަށިގަނޑުގެ ބައިތައް ވަނީ ކުދިކުދި ވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ހދ. މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި އިއްޔެ ހިނގި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މަކުނުދޫގެ މަސް މާރުކޭޓު ސަރަޙައްދުގައި އޮތް ސިލިންޑަރެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި ދެ މީހުން މަރުވެފައިވާއިރު އެއީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ ހަވީރު 4:15 ކަންހާއިރު އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓް ސަރަހައްދުން ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށެވެ. އަދި ބަނދަރުގެ އެކި ހިސާބުތަކުގައި ކުދިކުދި ވެފައިވާ އިންސާނެއްގެ ބައިތައް ހުރި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ގޭސް ސިލިންޑަރެއްގެ ބައިތައް ވެސް ބުރައިގެން ގޮސް އެ ސަރަހައްދުން ފެނިފައިވެއެވެ.

https://sun.mv/183461

އެރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ސިލިންޑަރު ގޮވުމުގެ ކުރިން، އެ ސަރަހައްދުގައި އެ ރަށުގެ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް ހަރަކާތްތެރި ވަނިކޮށް ރަށުގެ ބައެއް މީހުންނަށް ފެނިފައިވެއެވެ. އެ މަސް މާރުކޭޓް ސަރަހައްދަކީ ބިން ހިއްކާ މީހުން ތަކެތި ބަހައްޓާ ސަރަހައްދެއް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް