ޕާކިސްތާނުގެ ފިލްމީ ތަރިންނަށް އިންޑިއާގައި މަސައްކަތް ކުރެވޭ ގޮތަށް ނިންމައިފި

ޕާކިސްތާނުގެ ފިލްމީ ފަންނާނުން ކަމަށްވާ ފަވާދު ޚާން، މާހިރާ ޚާން އަދި އާތިފް އަސްލަމް

ޕާކިސްތާނުގެ ފިލްމީ ތަރިން އަދި މިއުޒީޝަނުންނަށް އިންޑިއާ ގައި މަސައްކަތް ކުރުން މަނާކޮށްފައި އޮތް އޮތުން ބޮމްބޭ ހައި ކޯޓުން ބާތިލު ކޮށްފިއެވެ.

ޕާކިސްތާނުގެ ފިލްމީ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބާތިލު ކޮށްފައި ވަނީ ސިނަމާގައި މަސައްކަތް ކުރާ ފަރާތްތަކެއް މިކަމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅާ އެ ނިންމުން އުވާލުމަށް އެދެމުންނެވެ.

މި ޕެޓިޝަނުގައި އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓްރީ، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ޕާކިސްތާނުގެ ފަންނާނުން އެނބުރި އިންޑިއާއަށް ގެނައުމަށް މަގުފަހި ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

ސިނެ ވޯކަރު އަދި އާޓިސްޓެއް ކަމަށްވާ ފާއިޒު އަންވަރު އިސްވެ ހުރެ ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ، އަމިއްލަ ޤައުމުގައި ވެސް ސުލްހަމަސަލަސްކަމާއި އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރާ ފަރާތްތަކަށް ބޯޑަރު ހުރަސްކޮށް އަވަށްޓެރި ޤައުމެއްގައި މަސައްކަތް ކުރުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ކުޅިވަރާއި މިއުޒިކް އަދި އަމިއްލަ ސަޤާފަތް ދިރުވަން ކުރާ މަސައްކަތް ތަކަކީ ޤައުމިއްޔަތު ދިރި ޤައުމު ތަކުގެ މެދުގައި އެއްބައިވަންތަ ކަމަށް ދިރުން ގެނެސްދޭ މަސައްކަތް ތަކެއްގެ ގޮތުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ.

ޕާކިސްތާނު ބަތަލާ މާހިރާ ޚާން ބޮލީވުޑް ފިލްމު "ރައީސް"ގެ މަންޒަރެއްގައި

އިންޑިއާ ގައި މިހާރު ކުރިޔަށްދާ ކުރިކެޓު ވޯލްޑް ކަޕް 2023ގައި ޕާކިސްތާނުގެ ކުރިކެޓު ޓީމަށް ބައިވެރި ވުމުގެ ފުރުސަތު މަގުފަހިވެފައި ވާއިރު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ ފުރުސަތު ލިބެން ނުޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް މި ޕެޓިޝަން ހުށަހެޅި ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

ޕާކިސްތާނުގެ ފިލްމީ ފަންނާނުންނަށް އިންޑިއާގައި ތިބެވޭ ގޮތް މަނާ ކޮށްފައި ވަނީ 2019 ވަނަ އަހަރު ހިނގި ޕުލްވާމާ ޓެރަރިސްޓު ޙަމަލާ އާ ގުޅިގެންނެވެ. އޭރު ޕާކިސްތާނުގެ ފިލްމީ ތަރިން ކަމަށްވާ ފަވާދު ޚާން، މާހިރާ ޚާން އަދި ލަވަކިޔުންތެރިން ކަމަށްވާ އާތިފު އަސްލަމް އަދި ރާހަތު ފަތެހް ޢަލީ ޚާން އަކީ އިންޑިއާގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަރާތްތަކެކެވެ.

comment ކޮމެންޓް