ޔުނިސެފުން އިންޑިއާއާ ގުޅިގެން މަސައްކަތްކުރާތާ 75 އަހަރު ފުރުމާ ދިމާކޮށް އެ ޖަމިއްޔާއިން އިންޑިއާ ރަމުޒުކޮށްދޭނެ އެމްބެސެޑަރުގެ މަޤާމަށް ބަތަލާ ކަރީނާ ކަޕޫރު ހަމަޖައްސާފައިވާކަން އިއުލާނުކޮށްފިއެވެ.
މީގެ ކުރިން ވެސް ކުޑަކުދިންނާއި އަންހެނުންނާ ގުޅުންހުރި ގިނަ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ކަރީނާ ވަނީ ޔުނިސެފާ ގުޅިގެން ހިންގާފައެވެ. ޔުނިސެފް އިންޑިއާގެ ގޮފީގެ އެމްބެސެޑަރުކަން ކަރީނާއަށް ލިބިފައިވާއިރު ބަތަލާ ވަނީ ފާއިތުވި 10 އަހަރުތެރޭ ޔުނިސެފާ ގުޅިގެން ވަރަށް މުހިއްމު މަސައްކަތްތަކެއްކޮށް، ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި އެހީތެރިވެދީފައެވެ.
ކަރީނާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައިވަނީ ލިބުނު މި ޝަރަފަކީ ވޭތިވެދިޔަ 10 އަހަރުވަންދެން ކުރި ބުރަ މަސައްކަތުގެ އަގު ޔުނިސެފުން ވަޒަންކުރިކަމުގެ ހެއްކެއް ކަމަށެވެ.
ޔުނިސެފުގެ އިންޑިއާގެ ގޮފީގެ އެމްބެސެޑަރުކަމާ އެކު ކަރީނާގެ ޒިންމާ ކުރިއަށްވުރެ މާ ބޮޑުވެއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެމްބެސެޑަރުކަމާ ހަވާލުވުމަށް ފަހު ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ކުޑަކުދިންނަށް ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތަކެއް ހަމަހަމަ އުސޫލެއްގެ ދަށުން ހޯދައިދިނުމަށާއި އެ ކުދިންނަށް ބޭނުންވާ ރަނގަޅު ސިއްހީ ޚިދުމަތްތައް ރައްކާތެރި ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކަރީނާ އެމްބެސެޑަރުކަމުގެ މަގާމަށް އައްޔަންކުރިކަން އިއުލާނުކުރި ހަފުލާގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ޒުވާނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތު ކުރާނެ ޒުވާނުން ތަކެއް ޔުނިސެފުންވަނީ އައްޔަންކޮށް އިއުލާނުކޮށްފައެވެ.
އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ ހަތަރު ޒުވާނަކު މި މަޤާމަށް އައްޔަންކުރިއިރު މި ޒުވާނުން ވަކާލާތު ކުރާނީ ނަފުސާނީ ދުޅަހެޔޮކަމަށް އާއްމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މާހައުލަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަންނާނެ ގޮތްތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށެވެ.