ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާ ކަމަށްވާ ނިއުމާ މުހައްމަދުގެ ޕްރޮޑަކްޝަން ކުންފުނީން ނެރޭ އާ ފިލްމު އިއުލާނު ކޮށްފިއެވެ.
ނިއުމާގެ ޕްރޮޑަކްޝަން ކުންފުނި "ނިއުޒޯ ސްޓޫޑިއޯސް" އިން އަލަށް އިއުލާނުކޮށްފައިވަނީ "ކަނި" ނަމަކަށް ކިޔާ ފިލްމެކެވެ. މި ފިލްމު އިއުލާނުކޮށް ފިލްމުގެ ޓައިޓަލް ޓީޒަރެއް ވެސް ވަނީ ދާދިފަހުން ލޯންޗު ކޮށްފައެވެ.
ކަނި އިއުލާނު ކޮށްފައިވާއިރު މި ފިލްމު ޑައިރެކްޓު ކުރާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ޔޫއްޕެގެ ޑައިރެކްޝަންގެ ދަށުން ފިލްމު ކުރިއަށްދާއިރު ފިލްމުގެ ވާހަކައަކީ އަހުމަދު އިގުބާލު (އައިކިއު)ގެ ވާހަކައެކެވެ. އައިކިއު އަކީ ބައިސްކޯފުން ނެރުނު އެންމެ މަގުބޫލު އެއް ވެބް ޝޯ ކަމަށްވާ "އެހެނަސް"ގެ ވާހަކަ ވެސް ތައްޔާރުކުރި ލިޔުންތެރިޔާއެވެ.
ފިލްމާ ގުޅޭގޮތުން ނިއުމާ ފާހަގަކޮށްފައިވާ ގޮތުގައި ކަނި ވެގެން ދާނީ އެ ސްޓޫޑިއޯއިން ނެރޭ އިތުރު ބިރުވެރި ފިލްމަކަށެވެ.
އެ ޕްރޮޑަކްޝަނުން މިހާރު އޮލިމްޕަހުގައި އަންނަނީ ޕްރޮޑަކްޝަންގެ ފުރަތަމަ ބިރުވެރި ފިލްމު "ކަޅަކި" ދައްކަމުންނެވެ. މި ފިލްމަށް އޮލިމްޕަހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ނިއުމާ ވަނީ ފާހަގަކޮށްފައެވެ. މި ފިލްމާއެކު ދިވެހިންނަށް ބިރުވެރި ފިލްމު ކަމުދާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންވެ އިތުރު ބިރުވެރި ފިލްމެއް ތައްޔާރު ކުރަން ބޭނުންވި ކަމަށް ނިއުމާ ބުންޏެވެ.
ކަނި މި ވާހަކައަކީ، ކަޅަކި އުފެއްދުމުގެ ކުރިން ވެސް މިއަށް ވާހަކަ ދެކެވިފައިވާ ވާހަކައެއް ކަމަށް ނިއުމާ ބުންޏެވެ. އެގޮތުން މި ވާހަކައިގެ މަސައްކަތަކީ އައިކިއު 2009 ހިސާބުގައި ކޮށްފައިވާ މަސައްކަތެއް ކަމަށް ބުނެއެވެ.
އާ ފިލްމުގެ ކާސްޓާއި ޓައިމްލައިނާ ގުޅޭގޮތުން މައުލޫމާތު ތަކެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. އެހެންވީމާ މި ފިލްމު ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ.