ގޮވުމަކަށް ފަހު ގޮވުމެއް، ރައްކާތެރިވާނީ ކިހިނެތް؟

ދެ މީހަކު ގޭސްފުޅިއެއް ހިފައިގެން ދަނީ: ގޭސް ފުޅި ގޮވައިގެން ދޭތެރެއަކުން ހާދިސާއެއް ހިނގާ-- ސަން ފައިލް ފޮޓޯ

އަލިފާނުގެ ހާދިސާއެއް ނުވަތަ ބޮޑު ގޮވުމެއް ގޮވުމުގެ ސަބަބުން އަނިޔާތައް ލިބި، އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓެނީއެވެ. އިއްޔެ ވެސް މިވަނީ އެފަދަ ހާދިސާއެއް ހދ. މަކުނުދޫގައި ހިނގައި ދެ އިންސާނެއްގެ ހަށިގަނޑު ކުދިކުދި ވެފައެވެ.

ރާއްޖޭގައި ހިނގާ އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި ގޭސް ހޮޅިއެއް ނުވަތަ ސިލިންޑަރެއް ގޮވުން ނިސްބަތުން ގިނައެވެ.

މި ހަފުތާ ތެރޭ ވެސް އެއްޗެއް ގޮވައިގެން ވަނީ ދެ ހާދިސާއެއް ހިނގައިފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި އެ ގޮވައި، ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކަކު ވަނީ ހާލު ސީރިއަސް ވުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ.

މީގެ އިތުރުން އިއްޔެ ހަވީރު ވަނީ ގޭސް ސިލިންޑަރެއް ގޮވައި ހދ. މަކުނުދޫގައި ބޮޑު ހާދިސާއެއް ހިނގައިފައެވެ. މި ހާދިސާގައި ދެ މީހުން މަރުވެފައިވާ އިރު އެއީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެ ދެ މީހުންގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުދިކުދި ވެފައެވެ.

މިއީ ބޮޑެތި ހާދިސާތަކެކެވެ. މިފަދަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި އެބަހުއްޓެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައި ދުން އަރަނީ--

އެހެންކަމުން މިފަދަ ހާދިސާތައް ދިމާވަނީ ކީއްވެކަމާއި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ވަނީ މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައެވެ.

ގޭހުގެ ހާދިސާތައް އާންމުގޮތެއްގައި ހިނގަނީ:

  • ގޭސް ސިލިންޑަރުގެ ވޭލުގެ ޕެކިން ނެތް ފުޅި ބޭނުން ކުރުމުން
  • ހަލާކުވެފައިވާ ރެގިއުލޭޓަރެއް ބޭނުން ކުރުމުން
  • ގޭސް ހޮޅި ކޮންމެވެސް ގޮތަކުން ހަލާކުވެ، ލީކުވުމުން
  • ގޭސް އުނދުނުގެ ނޮބު ހަލާކުވުމުންނާއި، އުދުނަށް ދިމާވާ މައްސަލަތައް ރަނގަޅު ނުކޮށް ބޭނުން ކުރުމުންނާއި ގޭސް ލީކުވެފައި ހުއްޓާ ގޭހުގެ ވަސް ދުވާކަން ނޭގުން

މިހާތަނަށް ހިނގާފައިވާ ހާދިސާތަކުން ފާހަގަ ވެފައިވާ މައްސަލަ ތަކުގެތެރޭގައި ގޭސް ހޮޅި ހަލާކުވުމާއި، ރެގިއުލެޓަރު ހަލާކުވުމާއި، ކައްކަން އުނދާފައި ބޭރަށް ދިޔުން އަދި އުނދުން ބޭނުންކުރުމުގައި ފަރުވާ ކުޑަވުން ފަދަ މައްސަލަތައް ދިމާވެއެވެ.

އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އުނދުން ބޭނުން ކުރުމުގެ ކުރީން އުނދުން ހުރީ ރަނގަޅު ހާލަތުގައިތޯ ބެލުން މުހިންމެވެ. އަދި ކައްކަން ފެށުމުގެ ކުރީން ގޭސް އުނދުނުން އެއްވެސް ވަހެއް ދުވާތޯ ބެލުމާއި، ވަސްދުވާނަމަ އުދުން ރޯނުކުރުމާއި، އުނދުނުގެ ނޮބުތައް ޗެކްކުރުމާއި، ގޭސް ފުޅި ބަހައްޓާފައިހުރި ކަބަޑުގެ ދޮރުތައް ހުޅުވާލާފައި ބެހެއްޓުމަށް ސަމާލު ވާށެވެ. މީގެ އިތުރުން ގޭ ތެރެއިން ވައި ބޭރުވާނޭ ގޮތަށް ދޮރުތައް ހުޅުވާލުމާއި، ގޭހުގެ އެއްވެސް އަލާމާތެއް ނެތްކަން ޔަގީން ކުރުމަށްފަހު ކައްކަން ފެށުމާއި، ގޭސް ލީކުވެފައިވާނަމަ ކަރަންޓުގެ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ސަމާލުވާށެވެ.

އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދު --- ސަންފޮޓޯ/ ނާއިލް ހުސައިން

މަސައްކަތުގެ މާހައުލުގައި ރައްކާތެރިވާނީ ކިހިނެތް؟

މަސައްކަތު މާހައުލުގައި ގޭސް ސިލިންޑަރު ފަދަ އެއްޗިހި ބޭނުންކުރުމުގައި ވެސް ސަމާލުވުމަކީ މުހިންމުކަމެކެވެ. އެގޮތުން:

  • ގޭސް ލައިންތައް ގަވާއިދުން އިންސްޕެކްޓް ކުރުން
  • ކާބަން މޮނޮކްސައިޑް ޑިޓެކްޓަރު ހަރުކުރުން
  • ރަނގަޅަށް ވެންޓިލޭޝަން ކަށަވަރުކުރުން
  • ގޭސް ސިލިންޑަރުގެ ވޭލުގެ ޕެކިން ނެތް ފުޅިއެއްތޯ ޗެކްކުރުން
  • ބޭނުންކުރުމުގެ ކުރިން ހަލާކުވެފައިވާ ރެގިއުލޭޓަރެއްތޯ ޗެކްކުރުން
  • އިލެކްޓްރިކް ސާމާނު އަދި ގޭހުގެ ހުރިހާ ސާމާނެއް ރަނގަޅަށް ގްރައުންޑްކޮށް އެކްސިޑެންޓަލް ކޮންޓެކްޓުން ރައްކާތެރިކުރުން
  • ރަނގަޅަށް ރޭޓްކޮށްފައިވާ އިލެކްޓްރިކަލް އަދި ގޭސް ސާމާނު އިންސްޓޯލްކޮށް ބޭނުންކުރުން
  • އިލެކްޓްރިކަލް އަދި ގޭސް އިކުއިޕްމަންޓް ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުން
  • އިލެކްޓްރިކަލް އަދި ގޭސް އިކުއިޕްމަންޓްތައް ރަނގަޅަށް މަސައްކަތް ކުރުމަށް ޓަކައި ގަވާއިދުން އިންސްޕެކްޓްކޮށް ޓެސްޓުކުރުން

މަސައްކަތު ސައިޓްތަކުގައި މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ. ކަރަންޓާއި ގޮވުމުގެ ހާދިސާތަކަކީ ކޮންމެ ބާވަތެއްގެ މާހައުލެއްގައި ވެސް ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން މިފަދަ އެކްސިޑެންޓްތަކުގެ ނުރައްކާ ކުޑަވެ، މި ގޮވުންތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަވާނެއެވެ.

comment ކޮމެންޓް