ޕްރޮސެސްކޮށްފައި ހުންނަ ކާނާ އަކީ ސިނގިރޭޓު ހާ ދެވި ހިފާ އެއްޗެއް!

ޕްރޮސެސް ކާނާ ކެއުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ސައިންސުވެރިން ބުނޭ -- ފޮޓޯ : ގާޑިއަން

ޕްރޮސެސް ކޮށްފައި ހުންނަ ކާނާއަކީ ވަރަށް ފަސޭހައިން ދެވި ހިފައި އެ ބޭނުން ކުރުން ހުއްޓާލުމަށް އިންތިހާއަށް އުނދަގޫ އެއްޗެއް ކަމަށް ދިރާސާތަކަކުން ދައްކައިފިއެވެ.

މިހާރު ހުރިހާ އެންމެންނަކީ ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ބައެކެވެ. އެއާއެކު ހުރިހާ ކަމެއް ވެސް ފަސޭހަކަމާއި އަވަސް ކަމާއެކު ވުމަކީ އެންމެން ވެސް ބޭނުންވާ ކަމެކެވެ. އެގޮތުން ޕްރޮސެސް ކޮށްފައި ހުންނަ ކާނާ ބޭނުން ކުރުން ވެސް ވަނީ އާންމު ކަމަކަށް ވެފައެވެ. ކޮންމެ ތަނެއްގައި ހުރެގެން ވެސް އަވަހަށް އަދި ފަސޭހައިން އެއްޗެއް ކާލެވޭ ގޮތް ވުމަކީ ގިނަ ބަޔަކަށް ވަރަށް މަގުބޫލު ކަމަކަށް ވަނީ ވެފައެވެ.

ނަމަވެސް މިއިން މަގުފަހި ވަނީ ނެއްޓިގެން ނުދާ ފަދަ ވަރުގަދަ އެޑިކްޝަނަކަށް ކަމަށް ދިރާސާތަކަކުން ވަނީ ދައްކާފައެވެ.

އަލްޓްރާ ޕްރޮސެސްޑް ފުޑްސް (ޔޫޕީއެފް) އަކީ ސިއްހަތަށް ތަފާތު އެކި ކަހަލަ ގެއްލުންތައް ލިބޭ އެއްޗަކަށް ވާއިރު މިއީ ކާން އެހާ ފަސޭހަ އަދި މީރު އެއްޗެއްސެވެ. އެއާއެކު މިއީ ވަރަށް ފަސޭހައިން ދެވި ވެސް ހިފާ އެއްޗެއްސެވެ.

އެމެރިކާގެ ސައިންސުވެރިން، ދުނިޔޭގެ 36 ގައުމެއްގައި ކުރިއަށް ގެންގޮސްފައިވާ 281 ދިރާސާއެއްގެ އެނެލިސިސްއެއް ހެދުމުން އެނގިގެން ދިޔައީ 14 ޕަަސެންޓު މީހުންނާއި 12 ޕަސެންޓު ކުޑަކުދީންނަކީ ކޮންމެވެސް ކަހަލަ "ފުޑް އެޑިކްޝަން"އެއް ހުންނަ ބައެއް ކަމެވެ. މިއިން ކޮންމެ ފުޑް އެޑިކްޝަނަކީ ޕްރޮސެސްކޮށްފައިވާ ކާނާއަށް ހުރި އެޑިކްޝަނެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ޔުނިވާސިޓީ އޮފް މިޝިގަންގެ ލީޑް ޕްރޮފެސަރެއް ކަމަށްވާ އޭޝްލީ ގިއާހާޑް ބުނާގޮތުގައި އޭނާގެ ދިރާސާއަކަށް ވަނީ ރަލާއި ސިނގިރޭޓު ފަދަ ދެވި ހިފާ ޒާތުގެ ތަކެއްޗާއި ޕްރޮސެސް ކާނާއާ އަޅައިބަލާފައެވެ. އެގޮތުން އެ ދެ ބާވަތުގެ ކާބޯތަކެތި، މާ ގިނައިން ބޭނުން ކުރުމާއި ބޭނުން ކުރުމުގައި ކޮންޓްރޯލް ގެއްލުމުގެ އިތުރުން ހުއްޓަން އުޅުމުގެ ތެރޭގައި އެކި ކަހަލަ އުނދަގޫތައް ވޭތޯ ބަލާފައިވެއެވެ.

މި ހުރިހާ ކަންތައްތަކަކީ ޕްރޮސެސް ކޮށްފައި ހުންނަ ކާނާ ކާ މީހުންނާ ވެސް ގުޅޭ ކަންތައްތައް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ދިރާސާއިން ފެނުނު ޓައިޕް ޓޫ ޑައިބީޓީޒް ހުރި މީހެއް ވެސް. ހަކުރު ހިމެނޭ އެއްޗެހި ކެއުން ހުއްޓާ ނުލާ އުޅޭ ތަން. މިއީ ހަމަ ފުއްޕާމޭގެ ކެންސަރު ހުރި މީހަކު އެކަން އެނގި ވެސް ސިނގިރޭޓު ހުއްޓާ ނުލެވި އުޅޭ ގޮތާ ހަމަ އެއްވެސް ތަފާތު ކަމެއް ނޫން،" އޭނާ ފާހަގަކުރިއެވެ.

މިއީ ނައްތާލަން ވަރަށް އުނދަގޫ އާދައަކަށް ވާއިރު މިއީ އެންމެންނަށް އެއްގޮތަކަށް ފަރުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސައިންސުވެރިން ފާހަގަކުރެއެވެ. އެހެންވީމާ އެޑިކްޝަންގެ ފަހަތުގައިވާ ސަބަބު ދެނެގަނެ އެކަމަށް ހައްލު ހޯދުން މުހިއްމު ކަމަށް ސައިންސުވެރިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް