އިއްލެގެ އައިފިލްމްސްއިން އާ ފިލްމެއްގެ މަސައްކަތް ފަށައިފި

އިއްލެގެ އައިފިލްމްސްގެ ދެވަނަ ފިލްމު "ނީނާ"ގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ : އައިފިލްމްސް

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަންގެ އާ ފިލްމެއް ނެރުމަށް ތައްޔާރީތައް ފަށައިފިއެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް މާ ގިނަ ދުވަސްތަކެއް ވެފައި ނުވާ އައިފިލްމްސް މި ވީ ކުޑަ މުއްދަތުގެ ތެރޭގައި ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.

ޑިސްކޯގްރަފީގައި މިހާތަނަށް އެންމެ ދެ ފިލްމު އޮތް ނަމަވެސް އެތައް ބަޔަކު އިތުބާރު ކުރާ ބޮޑު ޕްރޮޑަކްޝަން ބްރޭންޑަކަށް އައިފިލްމްސް ވަނީ ވެފައެވެ. އެއާއެކު އިއްލެގެ އައިފިލްމްސް އިން މިހާރު މަސައްކަތް ކުރަނީ ތިން ވަނަ ފީޗާ ފިލްމުގެ މަސައްކަތެވެ.

އާ ފިލްމުގެ ޝޫޓިންތައް މިހާރު އަތޮޅުތެރޭގައި ފަށައިފިއެވެ. ނަމަވެސް މި ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ކާސްޓުން ފެށިގެން ފިލްމުގެ މައިގަނޑު ތީމަށް ވެސް އަދި އަލިއަޅުވާލާފައެއް ނުވެއެވެ. އެހެންވީމާ ފިލްމާ ގުޅޭ އިތުރު މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި އާންމުވަމުން ދާނެއެވެ.

އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު "ނީނާ" ދައްކާ ނިންމާލާފައިވަނީ ދާދި ފަހުންނެވެ. މި ފިލްމު ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ފިލްމަކަށެވެ. ޒުވާނުންގެ ގިނަ ބަޔަކު ވެސް އޮލިމްޕަހަށް މި ފިލްމު ބަލަން ދިޔުމަކީ ފިލްމުގެ މަގުބޫލުކަން ޒުވާނުންގެ މެދުގައި އޮތް ފިލްމެއް ކަން ހާމަވެއެވެ.

އެކްޝަން އަދި ތުރިލާ ފިލްމު ނީނާ ވެގެން ދިޔައީ ތަފާތު އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކަށް އަލި އަޅުވާލި ފިލްްމަކަށެވެ. އިއްލެގެ އައިފިލްމްސްގެ ފުރަތަމަ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއަކަށް ވީއިރު މި ފިލްމަކީ ވެސް އިޖުތިމާއީ މައްސަލައަށް އަލިއަޅުވާލި ފިލްމެކެވެ. އެއާއެކު އިއްލެ ނެރޭނެ ތިންވަނަ ފީޗާ ފިލްމަކީ ވެސް ކޮންމެވެސް އިޖުތިމާއީ މައްސަލައަކަށް އަލިއަޅުވާލާނެ ފިލްމެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް