ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދައިން ފަރުވާދޭން ގޮވާލި ގަރާރު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ދަރިމައިނުވާ މީހުން ރާއްޖޭގައި އިތުރުވަމުންދާތީ އާސަންދައިގެ ދަށުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ގަރާރު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅީ މިއަދެވެ.

މި ރިޕޯޓު މަޖިލީހުން ފާސްކުރީ 45 މެންބަރުންގެ އިއްތިފާގުންނެވެ. ފާސްވާނެ ބޭނުންވަނީ 23 މެންބަރުންގެ ވޯޓެވެ. 47 މެންބަރުން މަޖިލީހަށް ހާޒިރުވެ ތިބިއިރު ވޯޓުގައި ބައިވެރިވެފައި ވަނީ 45 މެންބަރުންނެވެ.

މެންބަރު މީކާއިލް ހުށަހެޅި އެ ގަރާރުގައި ވަނީ ގާނޫނު އަސާސީގައި އިޖްތިމާއީ ސިއްހީ އިންޝިއުރެންގެ ގައުމީ ނިޒާމްގެ ގާނޫނާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ އަދި ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދޭ ކަމަށެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މިހާރު ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝިއުރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން ދަރިމައިނުވުމުގެ ބައްޔަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން އިންތިހާއަށް ހަނިވެފައިވާ ކަމަށެވެ. މި ބައްޔަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވާއިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ހުންނަ ކަން ފާހަގަކުރާ ކަމުގައި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ދަރިމައިނުވާތީ ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ރާއްޖެއިން ފަސޭހަ ކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދަރިމައިނުވާތީ ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ ރާއްޖޭގެ އިގްތިސާދީ ފެންވަރަށް ބަލައިގެން އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގަރާރުގައި އެދިފައިވެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިގަރާރަށް ބަހުސްކުރެއްވި މެންބަރުން ވަނީ މިއީ ވަރަށް މުހިންމު ގަރާރެއްކަން ފާހަގަކުރައްވައިފައެވެ. އަދި މަޖިލީހުން އެކަން ފާސްކުރުމުން ވީހާވެސް އަވަހަށް އެކަން ތަހައްމަލުކުރާ ފަރާތްތަކަށް ގައުމީ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް ވަނީ އެދިލައްވައިފައެވެ.

comment ކޮމެންޓް