ދިވެހި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ, ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިހާރު މި ރޭހަށް އޮތީ އެންމެ ނުވަ ދުވަހެވެ.
ދިރާގުން ބުނީ މިއަހަރުގެ ރޭހުގައި 4000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށެވެ. އަދި މި އަހަރުގެ ރޭހުގައި މުޅިން އަލަށް ހާފް މެރެތަންއަށް ދުވުމުގެ ފުރުސަތު ވެސް ދުވުންތެރިންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މީގެ އިތުރުން ހަމަ އެހެން އަހަރުތަކެކޭ އެއްފަދައިން 5ކޭ އަދި 10ކޭ ދުވުންވެސް އޮންނާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ މި އަހަރުގެ ޑީއެމްއާރްއާރުގައިވެސް ގިނަ އަދަދެއްގެ ޕާޓްނަރުން ހިމެނޭ ކަމަށެވެ. އެއީ
• ގޯލްޑް ޕާރޓްނަރަކަށް ޔުނިސެފް މޯލްޑިވްސް
• ހޯސްޓިންގ ޕާރޓްނަރަކަށް އަރބަންކޯ
• ސެކިއުރިޓީ އެންޑް ސޭފްޓީ ޕަރޓްނަރަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް
• މެޑިކަލް ޕަރޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
• ފަރސްޓް އެއިޑް ޕަރޓްނަރަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓެވެ.
މީގެ އިތުރުން މި ދުވުމަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެންޑޯސްކޮށްފައިވާ ދުވުމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ރޭހަށް ތައްޔާރުވުމަށް ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ވަނީ ކޯޗިން ޕާޓްނަރުންގެ ގޮތުގައި އެލީޓް ރަނާސް މޯލްޑިވްސް އާއި ސާއިދު ސްޕޯޓްސް އާއި ދި ވެލްނެސް ޕާޓްނާގެ ގޮތުގައި ދަ ވެލްނެސް ކްލަބް ހަމަޖައްސާފައެވެ. އަދި މި ޕާޓްނަރުން ދަނީ ދުވުންތެރިން ރޭސް އޮންނަ ދުވަހަށް ތައްޔާރުކުރުމަށް ހާއްސަ ތަމްރީނުތަކެއް ދެމުންނެވެ.
ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ކޮށްފައިވާ ދުވުމެއް ކަމަށެވެ. އެހެން ކަމުން މި ހަރަކާތުގައި، ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތުލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެ ގޮތުން ދިރާގުން އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤުވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތްލެޓިކް ސާޓިފައިޑް ރޭސްރޫޓަކާއެކު، އެއިމްސް ކަލަންޑަރުގައި ލިސްޓް ކޮށްފައިވާ ދުވުމެއް ކަމަށް ވެސް ދިރާގުން ބުނެއެވެ.