ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިން މެޗަކުން ޕާކިސްތާނަށް މޮޅެއް

ވޯލްޑް ކަޕް ކޮލިފައިންގައި ކެމްބޯޑިއާ ބަލިކުރުމަށްފަހު ޕާކިސްތާން ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ އޭއެފްޕީ

ފުޓުބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕާކިސްތާނުން ވޯލްޑް ކަޕް ކޮލިފައިންގެ މެޗަކުން މޮޅުވެއްޖެއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި އިއްޔެ ކުޅުނު ކޮލިފައިންގެ ދެވަނަ ލެގު މެޗުގައި ކެމްބޯޑިއާ އަތުން ޕާކިސްތާން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

ކެމްބޯޑިއާގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންކަމުން ޕާކިސްތާން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރަށް ވެސް ދަތުރުކޮށްފައެވެ.

ޕާކިސްތާނުގެ ޖިނާހު ސްޕޯޓްސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު އެ މެޗުގައި ޕާކިސްތާނުން ޖެހި ގޯލު ފެނިގެންދިޔައީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ޕާކިސްތާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހާރޫން ހާމިދެވެ.

މި މޮޅަކީ އަމިއްލަ ގައުމުގައި 2015 ވަނަ އަހަރަށްފަހު ޕާކިސްތާނުން ހޯދި ފުރަތަމަ މޮޅެވެ.

ދެވަނަ ބުރުގައި ޕާކިސްތާން ހިމެނެނީ އޭޝިއާ ސަރަހައްދުގެ ވަރުގަދަ ސައުދީ އަރަބިއާ، ތަޖިކިސްތާން އަދި ޖޯޑަންއާ އެއް ގްރޫޕެއްގައެވެ. ދެވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ މަހުގެ ތެރޭގައެވެ.

ޕާކިސްތާނުން ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ އިރު, ރާއްޖެއަށް ވަނީ އިއްޔެ ބަންގުލަދޭޝް އަތުން ބަލިވެ, ކޮލިފިކޭޝަންގައި އިތުރަށް ކުރިއަށް ނުދެވި ނިންމާލަން ޖެހިފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތަކުގެ ތެރެއިން ޕާކިސްތާނާއި ބަންގުލަދޭޝްގެ އިތުރުން ނޭޕާލް ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ.

މީގެ ކުރިން ވޯލްޑް ކަޕްގެ ކޮލިފައިން މެޗަކުން މޮޅެއް ހޯދިފައިނުވާ އޭޝިއާގެ ހަމައެކަނި ޓީމުގެ ގޮތުގައި އޮތް ޕާކިސްތާނަކީ ފުޓުބޯޅައިގައި މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫނެވެ. މިވަގުތު އެގައުމުގައި ފުޓުބޯޅަ ލީގެއް ވެސް ނެތެވެ.

ފަހުގެ ތާރީހުގައި ޕާކިސްތާނުގެ ފުޓުބޯޅައަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ފީފާގެ ސަސްޕެންޝަންގެ މައްސަލަތަކެވެ. ޕާކިސްތާނުން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ކުރިމަތިލީ ވެސް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ސަސްޕެންޝަނުގައި އޮތުމަށްފަހުއެވެ. އޭގެ ކުރިން ސާފް ޗެމްޕިއަންޝިޕް 2018އާ ވެސް ޕާކިސްތާން ކުރިމަތިލީ ސަސްޕެންޝަނަކަށްފަހުއެވެ.

ޕާކިސްތާނުގެ ނަތީޖާތައް ރަނގަޅުކުރުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި އެޓީމުގެ ކޯޗަކަށް ވަނީ އިނގިރޭސި ކޯޗު ސްޓެފަން ކޮންސްޓަންޓީން ހަމަޖައްސައިފައެވެ. ކޮންސްޓަންޓީނަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ވަރުގަދަ އިންޑިއާއަށް އިރުޝާދުދީފައެވެ. އިންޑިއާއަށް ސާފް ޗެމްޕިއަންޝިޕް 2015 ކާމިޔާބުކޮށްދިން ކޯޗަކީ ވެސް އޭނާއެވެ.

comment ކޮމެންޓް