ފަތުރުވެރިކަމުގެ ހާލަތު ނާޒުކު، ރަނގަޅުކުރަންޖެހޭ ކަންކަން ގިނަ: މަޓާޓޯ

މަޓާޓޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އޮތީ ނާޒުކު ހާލަތެއްގައިކަމަށް ފާހަގަކޮށް, މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ)އިން ކުރި ސާވޭގެ ނަތީޖާ އާންމުކޮށްފިއެވެ.

ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޓާޓޯއިން ނުވަ ދާއިރާއަަކަށް ބަހައިގެން ކުރި ދިރާސާއެއްގެ މައުލޫމާތު ހާމަކުރަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ މި ސާވޭއަށް 2000އަށްވުރެ ގިނަ ބައިވެރިން މައުލޫމާތު ދިންކަމަށެވެ.

އެއީ ހަމައެކަނި ލޯކަލް އެޖެންޓުން ނޫންކަމަށާއި އޭގެ ތެރޭގައި ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑްސްތަކުން ވެސް މައުލޫމާތު އެއްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓޫރިޒަމްގެ ޕްރޮފެޝަނަލުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ވެސް މައުލޫމާތު އެއްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ކަންބޮޑުވުންތަކާއި އެދޭ ކަންކަން:

  • ލޯކަލް ޓްރެވަލް އެޖެންޓުންގެ ބިލެއް ނެތުން
  • ލޯކަލް އެޖެންޓުންނަަށް ހިމާޔަތް ލިބޭ އުސޫލުތަކެއް ޓެކްސް ނިޒާމުން ތައާރަފްކުރުން
  • އޮންލައިން ޓެރެވަލް އެޖެންސީތަކުގައި ވާދަވެރިކަން ހަމަހަމަ ކަމެއް ނެތި އޮތުން
  • ބޭންކް ޕޭމަންޓުތަކުގައި ދަތިވުން
  • ބޭރުގެ ޓްރެވަލް އެޖެންޓުންނާއި އެޖެންސީތައް ރެގިއުލޭޓްކުރުން

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން އައި ނަމަވެސް ރާއްޖޭގެ ބެޑް ކެޕޭސިޓީ 62،000 އެނދުގައި ހުރެ، ޖެނުއަރީން މި އަހަރުގެ މިހާތަނަށް އައިރު 50 ޕަސެންޓް ބެޑް ކެޕޭސިޓީ ވެސް ފަތުރުވެރިން އޮކިއުޕައި ނުކުރާކަމަށް މަޓާޓޯގެ ދިރާސާގައިވެއެވެ.

ހަމައެއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން ބަލަނީ އެންމެ ރަނގަޅު މެޓްރިކްސްއެއް ބޭނުންކޮށްގެން ނޫންކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.

އެއާއެކު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޓާޓޯގެ ނައިބު ރައީސް މުޙައްމަދު ޝާޒް ވަލީދު ވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ވެއްޓިފައި އޮތީ ވަރަށް ނާޒުކު ވަޅުގަނޑަކަށް ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ދިރާސާގައި ފާހަގަކޮށްފައިވާނީ އެ ކަމުން ސަލާމަތް ވުމަށް ޓަކައި ކުރެވެން ހުރިކަމަށް އެ ފަރާތްތަކަށް ގަބޫލުކުރެވޭ ކަންކަން ކަމަަށް އޭނާ ވިދާޅުވިއެވެ. އެއީ ދެން އަލަށް އަންނަ ސަރުކާރުން ވެސް ކުރުން މުހިންމު ކަންކަމުގެ ގޮތުގައި ހުށަހަޅާ ކަންކަންކަމަށް ޝާޒް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ބާރު ދެއްވައި މަޓާޓޯގެ ރައީސް ވިދާޅުވީ އިންތިގާލީ މަރުހަލާއެއް ހިނގަމުން އަންނައިރު މިއީ ޓޫރިޒަމް ދާއިރާގައި ހުރި ކަންބޮޑުވުންތައް ވެސް ފާހަގަކޮށް ހިއްސާކުރުމަށް އެންމެ މުހިންމު ވަގުތުކަމަށް ދެކިލައްވާކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އެސޯސިއޭޝަނާއި ސްޓޭކް ހޯލްޑާޒާއި އަޅުގަނޑުމެންގެ މެމްބާޒްއާއި ލޯކަލް އެޖެންޓުން މި ލޮބީކުރަނީ މި ކަންތައްތައް،" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި އެންމެފަހުން މިފަދަ ސާވޭއެއްކޮށްފައިވަނީ 2011ވަނަ އަހަރެވެ.

comment ކޮމެންޓް