މީގެ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އީލޯން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް، އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން 610،500 އޮސްޓްރޭލިއާ ޑޮލަރު (ގާތްގަނޑަކަށް 386،000 ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
އޮސްޓްރޭލިއާއިން އެކްސް ޖޫރިމަނާކުރީ ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅުމާ ގުޅި ކޮންޓެންޓާ މެދު އެ ކުންފުނިން އަމަލު ކުރާ ގޮތާ ބެހޭ މައުލޫމާތު ހޯދަން މަސައްކަތް ކުރުމުން އެކަމަށް އެއްބާރުލުން ނުދިން ކަމަށް ބުނެއެވެ.
ނަމަވެސް އެކްސްއިން ވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ.
މި ޖޫރިމަނާއަކީ ކޮންޓެންޓް މޮޑަރޭޝަން ސިޔާސަތުތަކާ ގުޅިގެން އާމްދަނީ ދަށްވެ ފާޑުކިޔުންތައް އަމާޒުވެފައިވާ އެކްސްއަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.
އީ-ސޭފްޓީ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގެއްގައި ވަނީ، ކުޑަކުދިންނަށް އަނިޔާ ކުރުމާ ގުޅުން ހުރި ކޮންޓެންޓް އެކްސްގައި ދައުރުވުމުންނާއި އެފަދަ ކޮންޓެންޓް ރިޕޯޓުކުރުމުން އެކްސްއިން ފިޔަވަޅު އަޅަން ނަގާ ވަގުތާއި އެފަދަ ކޮންޓެންޓް ދެނެގަތުމަށް ބޭނުންކުރާ ގޮތްތަކާ ބެހޭ ގޮތުން ސުވާލުކޮށްފައިވެއެވެ.
އެކްސްއަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ތެރެއިން ވަނީ ގިނަ ކޮންޓެންޓް މޮޑަރޭޝަން ހުއްޓާލައި، މަނާ ކޮށްފައިވާ އެކައުންޓްތައް އަލުން އިއާދަކޮށްފައެވެ. އޭގެ ސަބަބުން އެކްސްގައި އިޝްތިހާރުކުރާ ފަރާތްތަކުން ވަނީ އެ ކުންފުންޏާ ދުރަށް ޖެހެން ފަށާފައެވެ.
އެފަދަ މައްސަލަތަކުގައި އޮސްޓްރޭލިއާގެ ރެގިއުލޭޓަރަށް އެޅޭނެ ފިޔަވަޅަކީ އޮންލައިން ސޭފްޓީ ޕްރެކްޓިސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެންގުން ނުވަތަ އެގައުމުގެ ގާނޫނުތަކުގެ ދަށުން ކުންފުނި ޖޫރިމަނާ ކުރުމެވެ.
އެކްސް އިން މީގެ ކުރިން ބުނެފައި ވަނީ, މިހާރު ލިބެން ހުރި އެންޓި-ގްރޫމިން ޓެކްނޮލޮޖީއަކީ އެ ކުންފުނީގެ ޕްލެޓްފޯމަށް އެކަށީގެންވާ ޓެކްނޮލޮޖީއެއް ނޫން ކަމަށެވެ. އަދި އެފަދަ އެހެނިހެން ޕްލެޓްފޯމްތަކާ އަޅާބަލާއިރު، އެކްސްއަކީ ކުޑަކުދިން އެހާ ގިނައިން ބޭނުންކުރާ ހިދުމަތެއް ނޫން ކަމަށް އެ ކުންފުނިން ދިފާއުގައި ބުނެފައިވެއެވެ.
މަސްކް ޓްވިޓާއާ ހަވާލުވުމާއެކު އެ ކުންފުނީގެ މުވައްޒަފުން މަދުކޮށް، ކުޑަކުދިންނާ ގުޅުން ހުރި ނޭދެވޭ ކޮންޓެންޓް އެ ޕްލެޓްފޯމުން އަމިއްލައަށް ދެނެގަންނަ މިންވަރު މަދުވެފައިވާ ކަމަށް އޮސްޓްރޭލިޔާގެ ރެގިއުލޭޓަރުންވަނީ ބުނެފައެވެ.
މަސްކް އެ ޕްލެޓްފޯމާ ހަވާލުވުމާއެކު އެކްސްއިން ވަނީ އެކުންފުނީގެ އޮސްޓްރޭލިއާގެ އޮފީސް ބަންދުކޮށްފައެވެ.